ވިޔަފާރި

ހެރިޓޭންސް އާރަށް ރިޒޯޓުގެ އޯޕަން ޑޭ ރ.އަތޮޅުގެ 6 ރަށެއްގައި ކުރިއަށްގެންދަނީ


ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ރ.އަތޮޅުގެ 6 ރަށެއްގައި "އޯޕަން ޑޭ"ތަކެއް ބޭއްވުމަށް ހެރިޓޭންސް އާރަށް ރިޒޯޓުން ނިންމައިފިއެވެ.

ހެރިޓޭންސް އާ ރަށް ރިސޯޓުން ބުނީ އޯޕަން ޑޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރ އަތޮޅުގެ ވެރިރަށް އުނގޫފާރުގެ އިތުރުން މީދޫ، މަޑުއްވަރީ، ރަސްމާދޫ، ދުވާފަރު އަދި އިނގުރައިދޫގައިކަމަށެވެ.

އޯޕަން ޑޭގެ ތެރެއިން ގިނަ ދާއިރާތަކަކަށް މީހުން ހޯދާއިރު، އޭގެތެރޭގައި ގެސްޓް ރިލޭޝަންސް، އިންޖިނޭރުން، ކައްކާއިން، ބަޓްލަރުން، އެކައުންޓްސް އެގްޒެކެޓިވް އަދި ހޮސްޓެސްފަދަ މަޤާމްތައް ހިމެނެއެވެ. މި އޯޕަންޑޭގެ ތެރެއިން ވަޒީފާގެ އިތުރުން އެޕެރެންޓިސްޝިޕް ނުވަތަ ވަޒީފާގެ ހުނަރު ދަސްކޮށްދޭ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތުވެސް ލިބިގެންދާނެކަމަށް ހެރިޓޭންސް އާރަށުން ބުނެއެވެ.

ހެރިޓޭންސް އާރަށުގެ އޯޕަންޑޭ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ މަހުއެވެ. މީދޫ އަދި މަޑުއްވަރީގައި ޖެނުއަރީ 2 ވަނަ ދުވަހު އޯޕަންޑޭ ބާއްވާއިރު، އިނގުރައިދޫ އަދި ރަސްމާދޫގައި އޯޕަންޑޭ ބާއްވަން ހަމަޖެހިފައިވަނީ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހުއެވެ. އަދި ދުވާފަރާއި އުނގޫފާރުގައި މި ޙަރަކާތް ކުރިއަށްދާނީ ޖެނުއަރީ މަހުގެ 5 ވަނަ ދުވަހުއެވެ.

ރ.އަތޮޅުގައި އޮޕަރޭޓްކުރާ، ހެރިޓޭންސް އާރަށަކީ ސްރީލަންކާގެ ކުންފުންޏަކުން ހިންގާ ރިސޯޓެކެވެ.