ޚަބަރު

މި ހަފުތާބަންދުގައިވެސް ފަރަންސޭސިވިލާތުގައި މުޒާހަރާތައް


މި ހަފުތާބަންދުގައިވެސް ފަރަންސޭސިވިލާތުގައި އެ ޤައުމުގެ ސަރުކާރާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ކުރިއަށްގެންގޮސްފިއެވެ. މިއާއެކު، މި މުޒާހަރާތައް ކުރިއަށްގެންދާތާ ފަސް ހަފުތާ ވެގެންދާނެއެވެ.

ރައީސް އެމެނުއަލް މެކްރޯންގެ ސަރުކާރާ ދެކޮޅަށް ފަރަންސޭސިވިލާތުގައި ކުރި މުޒާހަރާތަކުގައި އެތައް ހާސް ބަޔަކު ވަނީ ބައިވެރިވެފައެވެ. މި ފަރާތްތަކުން މުޒާހަރާތައް ކުރިއަށްގެންގޮސްފައިވަނީ، ހުސްވި ހަފުތާގައި ފަރަންސޭސިވިލާތުގައި ދިން ބަޑީގެ ހަމަލާތަކަށްފަހު، ގިނަ މީހުން އެއްތަނަކަށް އެއްވެ ނޫޅުމަށް ފުލުހުން އިލްތިމާސްކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އެހެން ހަފުތާތަކާ އަޅައިބަލާއިރު، އިއްޔެ ފަރަންސޭސިވިލާތުގައި މުޒާހަރާ ކުރި ފަރާތްތަކުގެ ޢަދަދު މަދު ކަމަށް، ރޮއިޓަރސް އިން ރިޕޯޓުކުރެއެވެ. އަދި ޚާއްޞަކޮށް ވެރިރަށް ޕެރިހުގައި މުޒާހަރާކުރި މީހުންގެ ޢަދަދު، ފާހަގަކުރެވޭ ވަރަށް މަދުވެފައިވާކަމަށް އެފަރާތުން ބުނެއެވެ.

ފަރަންސޭސިވިލާތުގައި ސިލްސިލާ ގޮތެއްގައި މުޒާހަރާކުރަން ފަށާފައިމިވަނީ، އެ ޤައުމުގެ ސަރުކާރުން ތެލުން ނަގާ ޓެކްސް އިތުރުކުރުމާ ގުޅިގެން ތެލުުގެ އަގު މައްޗަށް ދިއުމުންނެވެ. މިދިޔަ ހަފުތާގައި ފަރަންސޭސި ސަރުކާރުން ވަނީ، ޓެކްސް އިތުރުކުރުމަށް ނިންމި ނިންމުން ތަންފީޒުކުރުން ފަސްކޮށްފައެވެ.އެހެންނަމަވެސް މުޒާހަރާތައް ހުއްޓާލާފައެއް ނުވެއެވެ. މިހާރު ޢާއްމުން މުޒާހަރާކުރަމުންދަނީ، ރައީސް މެކްރޯންގެ މުޅި އިޤްތިޞާދީ ސިޔާސަތާ ދެކޮޅަށެވެ.