ޚަބަރު

ރަނިލް ވިކްރަމަސިންހަ އަނެއްކާވެސް ބޮޑުވަޒީރުކަމުގެ މަޤާމަށް


މަޤާމުން ދުރުކޮށްފައި ހުންނެވި ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އަނެއްކާވެސް މަޤާމުގެ ހުވާކުރައްވައިފިއެވެ.

ސްރީލަންކާގެ މީޑިއާއިން ބުނެފައިވަނީ ވިކްރަމަސިންހަ މަޤާމުގެ ހުވާކުރައްވާފައިވަނީ ސްރީލަންކާގެ ރައީސް މައިތިރިޕަލަ ސިރިސޭނާގެ ކުރިފުޅުމަތީގައިކަމަށެވެ. މިއީ ވިކްރަމަސިންހަ ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވާ ފަސް ވަނަ ފަހަރެވެ.

ސިރިސޭނާ އޭނާ މަޤާމުން ދުރުކުރައްވާފައިވަނީ މި އަހަރުގެ އޮކްޓޯބަރު މަހުގައެވެ. އަދި ވިކްރަމަސިންހަގެ ބަދަލުގައި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ބޮޑުވަޒީރުކަމަށް ޢައްޔަންކުރެއްވީ އޮކްޓޯބަރު މަހުގެ ސައްބީސް ވަނަ ދުވަހުއެވެ.

އެހެންނަމަވެސް، ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުން ދެ ފަހަރެއްގެ މަތިން ވަނީ ރާޖަޕަކްސަގެ މައްޗަށް އިތުބާރު ނެތްކަމަށް ފާސްކޮށް، ރާޖަޕަކްސަގެ ސަރުކާރުގެ ބަޖެޓް ހިފަހައްޓައި އޭނާ އާއި ވަޒީރުންގެ މުސާރަ އާއި އިނާޔަތްތައް ހިފެހެއްޓުމަށް ވެސް ނިންމިއެވެ. އަދި ހޮނިހިރު ދުވަހު އޭނާ ވަނީ ބޮޑުވަޒީރު ކަމުން އިސްތިއުފާ ދެއްވާފައެވެ. މިއާއެކު ސްރީލަންކާގައި އުފެދިފައިވާ ސިޔާސީ މައްސަލަތަކަށް ނިމުމެއް އަންނާނެކަމަށް ވަނީ ބެލެވިފައެވެ.