ރިޔާސީ އިންތިޚާބުގައި ވާދަކުރި އެއްވެސް ކެނޑިޑޭޓެއްގެ ބޭންކް އެކައުންޓްތައް ޑިކްލެއަރ ކޮށްފައި ނުވާނެކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވެފައި މިވަނީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އެކައުންޓަކަށް އެކި ފަހަރު މަތިން ފައިސާ ޖަމާވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ބަލަމުން ދަނިކޮށެވެ. އަދި އެ މައްސަލާގައި ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއަރޒް މިނިސްޓަރ އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ އެ އެކައުންޓަކީ ރިޔާސީ އިންތިހާބުގެ ގާނޫނީ އޮނިގަނޑުގައިވާގޮތުގެ މަތިން އިލެކްޝަންސް ކޮމިޝަނުން ޑިކްލެއާ ކޮށްފައިވާ އެކައުންޓެއް ކަމަށެވެ.
ބާ ޖަމާލުއްދީނުގައި މިއަދު ހެނދުނު އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ޝަރީފް ވިދާޅުވީ ރައީސް ޔާމީނާއި ގުޅޭގޮތުން ފުލުހުން ތަޙްޤީގު ކުރަމުންދާ މައްސަލައަށް އެއްވެސް އެއްޗެއް ދަންނަވަން ބޭނުން ނުވާ ކަމަށެވެ. ޝަރީފް ވިދާޅުވީ އިންތިޚާބުތަކާއި ބެހޭ ޤާނޫނުގައިވާ ގޮތުން އިންތިޚާބުތަކަށް ވަކި ޚާއްސަ އެކައުންޓެއް ހުޅުވަންޖެހޭނެއެވެ.
"އަޅުގަނޑުމެން އިލެކްޝަންސް ކޮމިޝަނުން އެފަދަ އެއްވެސް ލިޔުމެއް ވަކި އެކައުންޓެއް ޑިކްލެއަރ ކުރުމަށްޓަކައި ފޮނުވާފައި އޮތްތޯ ނުވަތަ ނޫންތޯ އަޅުގަނޑުމެން ދެ ކެންޑިޑޭޓުންގެވެސް ބަލާބަލާ އަޅުގަނޑުމެންނަކަށް އެކައުންޓެއް ޑިކްލެއަރ ކުރަންޖެހޭ ލާޒިމްކޮށްފައެއް ޤާނޫނަކުއެއް ނެތް. އަދި ކޮށްފައެއްވެސް ނެތް،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ވަކި އެކައުންޓަކީ އިންތިޚާބާއި ގުޅޭ އެކައުންޓެއް ކަމަށްބުނެ ރައީސް ޔާމީންގެ ފަރާތްޕުޅުން އިލެކްޝަނަށް އެއްވެސް ލިޔުމެއް ހުށަހަޅާފައި ނުވާ ކަމަށެވެ. އެހެންނަމަވެސް ރައީސް ޔާމީން ހުށަހަޅުއްވާފައިވާ މާލީ ބަޔާނުގައި ހިމެނޭ އޮޑިޓު ރިޕޯޓެއްގައި އެކައުންޓު ނަންބަރެއް ޖަހާފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. އެއީ މައްސަލަ ޖެހިގެން އުޅޭ އެކައުންޓު ކަމެއް ނުވަތަ ނޫން ކަމެއް އެނގިނުލައްވާ ކަމަށް ޝަރީފުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
"މާލީ ބަޔާން ހުށަހަޅާފައި އޮތް އިރުގައި މާލީ ބަޔާނުގައި އެބައޮވޭ އެކައުންޓުގެ ނަންބަރު ޖަހާފައި. ދެން އަޅުގަނޑަކަށް ނޭނގެ މައްސަލަ ޖެހިގެން މިއުޅޭ އެކައުންޓު ކަމެއް އެކައުންޓު ނަންބަރަކީ އެހެންނަމަވެސް ދެ ފަރާތުންވެސް ދެ ކެންޑިޑޭޓުންވެސް އޮޑިޓު ހުށަހަޅާފައި އޮތްއިރު އެބައިން މިވެނި އެކައުންޓަކުން މިވެނި ނަންބަރެއްގެ މިވެނި އެކައުންޓަކުން އެހެންވީމަ އެ އެކައުންޓު އެބައިން ބުނެފައި،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ މައްސަލަ ޖެހިގެން އުޅޭ އެކައުންޓަކީ އިލެކްޝަނުން އެންޑޯޒް ކޮށްފައިވާ އެކައުންޓެއް ކަމަށްބުނެ ރައީސް ޔާމީންގެ ފަރާތްޕުޅުން މީޑިއާގައި ބައެއް ފަރާތްތަކުން ވާހަކަފުޅުދައްކަވާއިރު އެވާހަކަ އެގޮތަށް ވިދާޅުވާންޖެހޭ އެއްވެސް ސަބަބެއް އެނގިނުލައްވާ ކަމަށެވެ.
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވެރިކަމުގައި ހުންނެވި މުއްދަތުގެ ތެރޭގައި ޤާނޫނާއި ޚިލާފަށް މާލީ މުޢާމަލާތްތަކެއް ކުރި ކަމަށް ތުހުމަތު ކުރެވިގެން ދަޢުލަތުގެ އިދާރާތަކުން ފުލުހުންގެ އިދާރާއަށް ވަނީ މައްސަލަތަކެއް ހުށަހަޅާފައެވެ. އަދި އޭގެތެރެއިން ބައެއް މައްސަލަތަކުގެ ތަޙްޤީގަށް ސުވާލު ކުރެއްވުމަށް ރައީސް ޔާމީން އިއްޔެ ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުވެސް ކޮށްފައެވެ. އެ މައްސަލާގައި ރާއްޖޭގައި ހުރި ބޭންކުތަކުގައި ރައީސް ޔާމީން ހުޅުވާފައިވާ އެކައުންޓުތައް ވަނީ ފްރީޒުވެސް ކޮށްފައެވެ. ފުލުހުން ބުނީ 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ފްރީޒުކޮށްފައިވާ ކަމަށެވެ.