ޚަބަރު

މަޖިލިސް އިންތިޚާބު އޭޕްރީލް 6ވަނަ ދުވަހު


ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އަންނަ އޭޕްރީލް ހަވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

ރައްޔިތުން މަޖިލީހުގެ އިންތިޚާބާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބާ ޖަމާލުއްދީނުގައި މިއަދު ހެނދުނު އިލެކްޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ ރައްޔިތުން މަޖިލިސް އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލާނީ އަންނަ މަހުގެ ފަހު ކޮޅުގައި ކަމަށެވެ. އެގޮތުން އަންނަ މަހުގެ 28ވަނަ ދުވަހު މަޖިލިސް އިންތިޚާބަށް ވާދަ ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

"މިހާރު އަޅުގަނޑުމެން ތައްޔާރުވަމުން މިދަނީ އިންތިޚާބީ ދާއިރާތައް ފައިނަލައިޒް ކުރުމުގެ މަރުޙަލާގެ މަސައްކަތްތައް ކުރަމުންދާއިރުގައި މީގެކުރިން އަޅުގަނޑުމެން އިޢުލާނުކޮށްފައި ވާނެ މާލެއަށް ދެ ދާއިރާއެއް އިތުރުވާނެ ކަމަށް. އަދި ދާއިރާތަކުގެ ބައުންޑްރީތަކަށް އެއްވެސް ބަދަލެއް ނާދޭ. މާލޭގެ މައްޗަންގޮޅީގެ ތިން ދާއިރާއަކަށާއި ހެންވޭރުގެ ދާއިރާތަކަށް ފިޔަވައި،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އަންނަ އަހަރުގެ މަޖިލިސް އިންތިޚާބަށް ބޭނުންވާ ބަޖެޓު މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އަދި ދާދިފަހުން ފިނޭންސް މިނިސްޓަރާއި އެކުވެސް ބައްދަލުވުމެއް ބޭއްވި ކަމަށާއި އެ ބައްދަލުވުމުގައިވެސް އިލެކްޝަނަށް ބަޖެޓު ލިބޭނެ ކަމަށް ފިނޭންސުން ބުނެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އޭގެއިތުރަށް ވޯޓަރސް ލިސްޓު ފައިނަލައިޒު ކުރުމުގެ މަސައްކަތްވެސް މިހާރު މިދަނީ ކުރަމުން. ބައެއް ދާއިރާތަކުގައި ޚާއްސަކޮށް މާލެއާ އައްޑޫއާ މި ދެ ސަރަޙައްދުގައި ވޯޓަރސް ލިސްޓު ފައިނަލައިޒު ކުރުމަށްޓަކައި އަޅުގަނޑުމެންނަށް ފިޒިކަލް ސަރވޭއެއް ހަދަން އެބަޖެހޭ. ސަބަބަކީ ކޮންމެވެސް ވަރެއްގެ ބްލޮކްތަކަށް ބަދަލުތަކެއް އައިސް އަދި އިތުރު ގެތަކެއް އޭގެތެރެއަށް ހިމެނިފައިވާތީވެ،" އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ޤާނޫނުގައި ބުނެފައިވާ މުއްދަތުގެ ތެރޭގައި ވޯޓަރސް ލިސްޓު އިލެކްޝަންސް ކޮމިޝަނުން ހާމަކުރާނެ ކަމަށެވެ.