ޚަބަރު

ހެލިކޮޕްޓަރުތަކުގެ އެގްރިމެންޓް ރައީސް ޔާމީނާ ވަހީދުވެސް އާކުރެއްވި


އިންޑިއާއިން ރާއްޖެއަށް ދީފައިވާ ހެލިކޮޕްޓަރުތަކުގެ އެގްރީމެންޓް ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ޑރ މުހައްމަދު ވަހީދުގެ ސަރުކާރުގައިވެސް އާކޮށްފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ދިވެހިރާއްޖޭގައި ހުރި އިންޑިއާގެ ނޭވީ އެޑްވާންސް ލައިޓް ހެލިކޮޕްޓަރުތަކާ ގުޅޭ ގޮތުން ދިވެހި ސަރުކާރުގެ ފަރާތުން ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަސްކަރީ އަދި ސަލާމަތީ ބާރުތަކުގެ މެދުގައި އޮންނަ ގުޅުމަކީ ރާއްޖެއާއި އިންޑިއާ އާއި ދެމެދު އޮތް ގުޅުމުގެ މުހިންމު އެއް ތަނބުކަމަށެވެ. އެގޮތުން އިންޑިއާގެ ނޭވީގެ އެޑްވާންސް ލައިޓް ހެލިކޮޕްޓަރުތަކަކީ މި ގުޅުމުގެ ތެރެއިން ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކާއި، ބަލި ހާލަތުގައި މީހުން އެއް ރަށުން އަނެއް ރަށަށް އުފުލުމާއި، ކަނޑުގެ ސަރަހައްދު މޮނިޓަރ ކުރުން ފަދަ ކަންކަން ހިންގުމުގައި ދިވެހިރާއްޖޭގެ ދިފާޢީ ބާރުތަކަށް އެހީވުމުގެ ގޮތުން ދިވެހި ސަރުކާރާ ހަވާލުކޮށްފައިވާ ދެ ހެލިކޮޕްޓަރެވެ.

ފުރަތަމަ ހެލިކޮޕްޓަރު ހަވާލުކުރުމުގެ ލެޓަރސް އޮފް އެކްސްޗޭންޖުގައި ސޮއިކޮށްފައިވަނީ 2010 ވަނަ އަހަރުގެ މާޗް މަހު އޭރުގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުންކަމަށާއި އަދި އެ އެއްބަސްވުން 2012 ވަނަ އަހަރު ކުރީގެ ރައީސް ޑރ މުހަންމަދު ވަހީދު ހަސަންގެ ސަރުކާރުންނާއި 2014 ވަނަ އަހަރު ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ސަރުކާރުން އާކޮށްފައިވާކަމަށްވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ފޮރިން މިނިސްޓްރީން ބުނީ ދެވަނަ ހެލިކޮޕްޓަރު ދިވެހި ސަރުކާރާ ހަވާލުކުރުމަށް ލެޓަރސް އޮފް އެކްސްޗޭންޖުގައި ސޮއިކޮށްފައިވަނީ 2015 ވަނަ އަހަރުގެ ޖެނުއަރީ މަހު ރައީސް ޔާމީން ސަރުކާރުންކަމަށެވެ އަދި މިހާތަނަށް މި ދެ ހެލިކޮފްޓަރު ވަނީ ކުއްލި ހާލަތުގައި 151 ބަލި މީހުން އުފުލުމުގެ އިތުރުން ސާޗް އެންޑް ރެސްކިއުގެ 50 އޮޕަރޭޝަނެއްގައިވެސް ހެލިކޮޕްޓަރ ބޭނުންކޮށްފައިވާކަންވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އިންޑިއާއާއި ރާއްޖެއާއި ދެމެދު ޖޮއިންޓް އެކްސަރސައިސްތަކާއި ތަމުރީނާއި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު މޮނިޓަރ ކުރުން ފަދަ ޖޮއިންޓް އޮޕަރޭޝަންތައް ދެ ޤައުމު ގުޅިގެން ހިންގަމުންދާތާ މިހާރު ވަނީ ގިނަ އަހަރުތަކެއް ވެފައިވާކަންވެސް މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައެވެ. މީގެ އިތުރުން، ތަފާތު އެއްބަސްވުންތަކުގެ ދަށުން، އެމެރިކާ އަދި ސްރީލަންކާ ފަދަ ޤައުމުތަކާއެކުވެސް މިފަދަ ޖޮއިންޓް އޮޕަރޭޝަންތައް ހިގަމުންދާކަމަށާއި އެހެން ޤައުމުތަކުން ހިންގާ އޮޕަރޭޝަންތަކުގައިވެސް ދިވެހި ސިފައިން ބައިވެރިވަމުންދާކަމަށްވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.