ޚަބަރު

ރައީސް ޔާމީންގެ 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ފްރީޒްކޮށްފައި - ފުލުހުން


ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ނަމުގައި ދިވެހިރާއްޖޭގެ ބޭންކުތަކުން ހުޅުވާފައިވާ އެކައުންޓުތަކުގައި ހުރި 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ފްރީޒުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކުރީ އެމަނިކުފާނުގެ ވެރިކަމުގައި ހުންނެވި މުއްދަތުގެ ތެރޭގައި ޤާނޫނާއި ޚިލާފަށް މާލީ މުޢާމަލާތްތަކެއް ކުރި ކަމަށް ތުހުމަތު ކުރެވިގެން ދަޢުލަތުގެ އިދާރާތަކުން ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވާ ބައެއް މައްސަލަތަކުގެ ތަޙްޤީގަށް ސުވާލު ކުރުމަށް ކަމަށެވެ.

ފުލުހުންގެ ނޫސްބަޔާނުގައި ބުނީ މައްސަލާއިގެ ތަޙްޤީގަށް ސާފު ކުރެވުނު މަޢުލޫމާތުތަކުން ރައީސް ޢަބްދުﷲ ޔާމީންގެ ނަމުގައި ރާއްޖޭގެ ބޭންކުތަކުން ހުޅުވާފައިވާ އެކައުންޓުތަކުގެ ތެރެއިން މިހާތަނަށް މަޢުލޫމާތު ލިބިފައިވާ އެކައުންޓުތަކަށް އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި އެކި ފަހަރު މަތިން ބޮޑެތި ޢަދަދުތަކުން ގިނަ ޢަދަދެއްގެ ފައިސާ ޖަމާކޮށް އަދި އެފައިސާއިން މުޢާމަލާތް ކޮށްފައިވާ ކަމަށެވެ.

"މި މައްސަލާއިގެ ތަޙްޤީގުގެ ބޭނުންމަށްޓަކައި އިސްވެ ދެންނެވިފައިވާ އެކައުންޓުތަކުގައި މިހާރު ހުރި ޔޫއެސް ޑޮލަރާއި ދިވެހި ފައިސާ ހިމެނޭ ގޮތުން ދިވެހި ފައިސާއިން 100 މިލިއަން ރުފިޔާއަށްވުރެ ބޮޑު ޢަދަދެއްގެ ފައިސާ ވަނީ ފްރީޒް ކުރެވިފައެވެ،" ފުލުހުންގެ ނޫސްބަޔާނުގައި ވަނީ ބުނެފައެވެ.

ފުލުހުން ބުނީ ފުލުހުންގެ އިދާރާއިން ތަޙްޤީގު ކުރަމުންދާ މައްސަލައަށް ސުވާލު ކުރުމުގެ ގޮތުން ރައީސް ޔާމީން އެ އިދާރާއަށް ހާޒިރުވެ ކުރި ސުވާލުތަކަށް ޖަވާބު ދެއްވި ފަދައިން ކުރިއަށް އޮތް ތަނުގައިވެސް ތަޙްޤީގަށް އެއްބާރުލުން ދެއްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާ ކަމަށެވެ.

ރައީސް ޔާމީންވެސް ވަނީ އެމަނިކުފާނު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކުރީ ފައިސާއާ ގުޅޭ މައްސަލަތަކެއްގައި ކަމަށް ވިދާޅުވެފައެވެ.