ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކަކީ ހަނަފަސްވަމުން ގޮސް މިއަދު ގާތްގަނޑަކަށް 50 އިންސައްތަ އެއްވެސް ފެހި ކަމެއް ނެތް ރަށްތަކެއްކަން ފާހަގަ ކުރެވިފައިވާ ކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަމަންޓް ޑރ. ޢަބްދުﷲ ނަސީރު ވިދާޅުވެއްޖެއެވެ.
ރަށްފެހި ކެމްޕޭން ފެށުމަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ނަޞީރު ވިދާޅުވީ، ރަށްރަށުގައި މީހުން ދިރިއުޅުމަށާއި، އެކި ބޭނުންތަކަށް ތަންތަން ތަރައްޤީކުރުމާ ގުޅިގެން ބައެއް ރަށްރަށަކީ ފެހިކަން ނެތް ރަށްތަކެއްގެ ގޮތުގައި ފާހަގަ ކުރެވޭ ކަމަށެވެ. އެގޮތުން ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށް ހަނަފަސްވަމުން ގޮސް ގާތްގަނޑަކަށް 50 އިންސައްތަ ރަށަކީ އެއްވެސް ފެހި ކަމެއް ނެތް ރަށްތަކެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ރާއްޖެ ފަދަ ނާޒުކު ތިމާވެއްޓެއް އޮތް ޤައުމެއްގައި، ވަށައިގެންވާ ވެއްޓަކީ ތިމާވެއްޓަކީ، ޤައުމުގެ ތަރައްޤީއާއި ތަމައްދުން އަދި ރައްޔިތުންގެ ކުރިއެރުމަށް ވަރަށް މުހިންމު ވަޞީލަތެއް ކަމަށްވެސް ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ނަޞީރު ވިދާޅުވިއެވެ.
''ކާބަފައިންގެ ފަރާތުން ފޯރުކޮށްދީފައިވާ މި ފެހި ޖަޒީރާ ރަށްތަށް ފަހުން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ އެންމެންގެ ޒިންމާއެއް މިކަމަށް އިޙުމާލުވެވޭކަށް ނެތް. ދެމެހެއްޓެނެވި ތަރައްޤީއަކީ އަޅުގަނޑުމެންގެ ފަލްސަފާ ކަމަށް ވާނަމަ ހުރިހާ ދާއިރާއަކުން ވެސް ސަމާލުކަން ދޭންޖެހޭ. ތިމާވެއްޓަކީ ދެމެހެއްޓެނެވި ތަރައްޤީޤެ އެއް ތަނބު. ފަތުރުވެރިކަމާއި، ދަނޑުވެރިކަމާއި، މަސްވެރިކަމުގެ މަޝްރޫޢުތަށް ހިންގާއިރު ތިމާވެއްޓަށް ގެއްލުން ނުވާ ގޮތަށް ހިންގަން ޖެހޭ'' ޑރ. ޢަބްދުﷲ ނަޞީރު ވިދާޅުވިއެވެ.
ސްޓޭޓް މިނިސްޓަރގެ ވާހަކަފުޅުގައި، ބިންހިއްކުމުގެ ގިނަ މަޝްރޫޢުތަކެއް ރާއްޖޭގައި ކުރިއަށްދާއިރު ހިއްކާފައިވާ ބިންތައް ފެހި ކުރުމަށް ގަސް އިންދާ އާލާކުރުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
ރަށްފެހި ޕްރޮގްރާމަކީ މުޅި ރާއްޖެ ފެހި ކުރުމަށް ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ސާލިޙުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް ނިންމާފައިވާ ރިޔާސީ ވައުދެކެވެ.