ޚަބަރު

ޑިފެންސް މިނިސްޓަރ، ސިފްކޯ ހިޔާ ފްލެޓުތަކުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވައިފި


ސިފައިންނަށް ޚާއްސަކޮށްގެން ހުޅުމާލޭގައި ތަރައްޤީކުރާ 300 ފްލެޓުގެ ޢަމަލީ މައްސަކަތް ކުރިއަށްދާގޮތް ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ބައްލަވާލައްވައިފިއެވެ.

ސިފްކޯ ހިޔާގެ 3 ޓަވަރުގެ މައްސަކަތް ބައްލަވާލެއްވުމަށް ޑިފެންސް މިނިސްޓަރ ކުރެއްވި ޒިޔާރަތުގައި އެކަމަނާގެ އަރިހުގައި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުރަޙީމް ޢަބްދުލަތީފް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިނިސްޓަރ ވަނީ ފްލެޓްތަކުގެ މަސައްކަތް ކުރިއަށްދާގޮތާއި، ފްލެޓުތައް ޑިޒައިންކޮށްފައިވާ ގޮތްތަކާގުޅޭ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ. މި ފްލެޓްތައް ޑިޒައިން ކޮށްފައިވަނީ ސޯޝަލް ހައުސިންގ ޔުނިޓްތަކަށްވުރެ ލަގްޒަރީ ފެންވަރުގެ 3 ކޮޓަރީގެ އެޕަރޓްމަންޓްތަކެއްގެ ގޮތުގައެވެ. މި ފްލެޓްތަކުގެ މަސައްކަތުގެ ބޮޑުބައެއް މިހާރުވަނީ ނިމިފައެވެ.

ސިފްކޯ ހިޔާ ފްލެޓްތައް އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދަނީ އައިލެންޑް އެކްސްޕަރޓް ކުންފުނިންނެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ، އެ މަސައްކަތް 2013 ވަނަ އަހަރު ޙަވާލުކުރި ކުންފުނިން އެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންދާތީ، 2016 ވަނަ އަހަރުއެވެ.