ޚަބަރު

ބޮޑު ޗުއްޓީ އަހަރުގެ މެދުތެރެއަށް ބަދަލުކުރަން ތާއީދު - ޓުއަރިޒަމް މިނިސްޓަރ


ބޮޑު ޗުއްޓީ އަހަރުގެ މެދުތެރެއަށް ބަދަލުކުރަން ތާއީދު ކުރައްވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

އއ. ރަސްދޫއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މީޑިއާއަށް މަޢުލޫމާތުދެއްވަމުން މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވީ، އަހަރުގެ ފަހުކޮޅަކީ ފަތުރުވެރިކަމުގެ ދާއިރާގެ ހައި ސީޒަނަށް ވުމުން، ބޮޑު ޗުއްޓީގައި އާއިލާއާއެކު ވަގުތު ހޭދަކުރުމަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ދަތި އުނދަގޫކަމެއްކަމަށެވެ. އެހެންކަމުން ބޮޑު ޗުއްޓީ އަހަރުގެ މެދުތެރެއަށް ބަދަލުކުރަން ގިނަ ބަޔަކު ޙިޔާލު ހުށައަޅަމުން އަންނަކަމަށާ، އެއީ އެ މިނިސްޓްރީންވެސް ތާއީދުކުރާކަމެއްކަމަށް އަލީ ވަޙީދު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، މި ބަދަލަކީ ކެބިނެޓާ ހަމައިން ގެންނަން ޖެހޭ ބަދަލެއް ކަމުން، އެކަން ކުރެވޭނީ، އެކަމާ ގުޅޭ ވާހަކަތައް ލިޔުމުން ހުށަހަޅައި، ކުރަންޖެހޭ ދިރާސާތައް ކުރުމަށްފަހު މުޅި ސިޔާސަތައް ބަދަލެއް ގެނެސްގެން ކަމަށެވެ. އަދި އެކަމާ ގުޅުންހުރި ލިޔެކިޔުންތައް ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ހުށަހަޅާފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.