ސިޔާސީ

މާލެއާއި ހުޅުމާލޭގައި 25 ބުރިއަށް ޢިމާރާތްކުރުމުގެ ހުއްދަދެނީ


މާލެ އާއި ހުޅުމާލޭގެ ބިމުގައި  ފަންސަވީސް ބުރިއަށް އިމާރާތް ކުރުމުގެ ހުއްދަ ދޭން ނިންމައިފިއެވެ. ސަރުކާރުން މިގޮތަށް ނިންމާފައިވާކަން އިއުލާން ކުރެއްވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުއެވެ. ރައީސް ޔާމީން ވިދާޅުވީ މާލޭގެ ބިމަކީ ކުޑަ އަގެއްގައި ވިއްކައިގެން ސަރުކާރަށް ދެކޮޅު ޖެއްސެން އޮތް ކަމެއް ނޫން ކަމަށާއި،  އިމާރާތްތައް 20 ނުވަތަ 25 ބުރިއަށް ނެގުމުގެ ހުއްދަ ދިނުމަކީ ބިމުގެ އަގު އިތުރުވެގެންދާނެ ކަމެއްކަމަށެވެ.   މިކަމާ ގުޅުންހުރި ތަފްސީލުތައް ވަރަށް އަވަހަށް އާންމު ކުރައްވާނެ ކަމަށާއި، މިހާރު ކުރެވިފައިވާ ދިރާސާތައް ދައްކާގޮތުން، ހުޅުމާލެ އަދި މާލޭގެ ބިމުގައިވެސް މިފަދަ ބޮޑެތި އިމާރާތްތައް ބިނާކުރުމުގެ ހަކަތަ ހުރިކަމަށް ދައްކާކަމަށެވެ. މީގެ އިތުރުން މާލޭގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި ބިން ހުސްކުރުމުގެ ޕްރޮގްރާމްތަކެއް ފެށުމަށް ސަރުކާރުން ނިންމާފައިވާ ކަމަށާއި، އަޖުމަ ބެލުމަށް ސްކޫލްތައް ހިމެނޭ ދެ ސަރަހައްދެއްގައި މި ޕްރޮގްރާމް ކުރިއަށްގެންދަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.މީގެ އިތުރުން މާލޭގެ ހަނި ގޯޅިތަކަށް ދުއްވާ އެއްޗިއްސަށް ނުވަދެވޭނެ ގޮތެއް ހަދައިދީ އެފަދަ ގޯޅިތަކާއި ކައިރީގައި ޕާކް ކުރެވޭނޭ ރަގަޅު އުސޫލުތަކެއް ގާއިމްކުރުމަކީވެސް މާލޭގެ ތޮއްޖެހުން ކުޑަކުރުމަށް އެޅިގެންދާނެ ފިޔަވަޅެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.