ޚަބަރު

މާލޭ އަންހެނުންގެ ކޮމިޓީގެ އިންތިޚާބު މާދަމާ ބާއްވަނީ


މާލޭ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު މާދަމާ ބޭއްވުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރ ޝަމާޢު ޝަރީފް ވިދާޅުވީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ވޯޓުލުން މާލޭގައި ކުރިއަށްދާނީ އަމީނިއްޔާ ސްކޫލުގެ ހޯލުގައި ކަމަށެވެ. އަދި ހުޅުމާލޭގައި ބަހައްޓާ ވޯޓު ފޮށި ހުންނާނީ ޣާޒީ ސްކޫލުގައި ކަމަށެވެ. މާލެ ސިޓީއަށް ނިސްބަތްވާ 18 އަހަރުން މަތީގެ އަންހެނުންނަށް މި އިންތިޚާބުގައި ވޯޓުލުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު ވޯޓުލުން އޮންނާނީ މާދަމާ މެންދުރު 2 އިން ހަވީރު 5 އަށް ކަމަށް ޝަމާޢު ވިދާޅުވިއެވެ.

"
"ވޯޓު ފޮށި ބަންދުވުމަށްފަހު 30 މިނެޓްފަހުން ނަތީޖާ އިޢުލާންކުރެވިގެންދާނެ. މިކަންވެސް ކުރިއަށްދާނީ ހަމަ އާއްމު އިންތިޚާބުތަކުގައިވެސް ކަންކަން ކުރިއަށްދާގޮތަށް ހަމަ އެންމެންގެ ހާޒިރުގައި ނަތީޖާ އިޢުލާން ކުރުމަށްފަހު ވަގުތީ ނަތީޖާ އެތަނެއްގައި ތަތްކުރާނެ. ވަރަށް ބޮޑަށް އަޅުގަނޑުމެން އެދެން މި އިންތިޚާބުވެސް ހަމައެހެން އިންތިޚާބުތަކެކޭ އެއްގޮތަށް ވީހާވެސް ގިނަ އަންހެން ކަނބަލުން ވަޑައިގެން ފޯރިއާއެކު ވޯޓުލުމަށް."
މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސިޓީ ކައުންސިލްގެ މެންބަރު ހަމްނާ ވަހީދު ވިދާޅުވީ، މި ކޮމިޓީގެ މައިގަނޑު މަސްޢޫލިއްޔަތަކަށްވާނީ އެކި ދާއިރާތަކުން އަންހެނުން ބާރުވެރިކުރުވުމަށްޓަކައި މަސައްކަތް ކުރުންކަމަށެވެ. އެގޮތުން ތަޢުލީީމީ ދާއިރާއާއި، އިޤްތިޞާދީ އަދި އިޖްތިމާޢީ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި އަންހެނުންގެ ކޮމިޓީން ގިނަ މަސައްކަތްތަކެއް ކުރާނެކަމަށް ހަމްނާ ވިދާޅުވިއެވެ.

"މައިގަނޑުގޮތެއްގައި މި ކޮމިޓީގެ މަސައްކަތަކީ އަންހެނުންނާ ގުޅުންހުރި ތަޢުލީމުވިޔަސް، ސިއްޙަތު ވިޔަސް، ދީނީ ކަންކަން ވިޔަސް، އަދި އިޖްތިމާޢީ އެކިއެކި ހަރަކާތްތައްކަމަށްވިޔަސް، އާމްދަނީ އިތުރުކޮށް އަންހެނުންގެ ކުރިއެރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރުން. މިފަދަ އިންތިޚާބުތަކުގައި އަޅުގަނޑުމެން ވަރަށް ބޮޑަށް ބާރު އަޅަން ވީހާވެސް ގިނަ އަންހެން ކަނބަލުން ވާދަކުރެއްވުމަށް. ޚާއްޞަކޮށް ކިޔަވައިގެންތިބި ޒުވާން ކަނބަލުން." ހަމްނާ ވިދާޅުވިއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ އިންތިޚާބު ބާއްވާތާ ހަފްތާއެއްހާދުވެހުގެ ތެރޭގައި ރަސްމީ ނަތީޖާ އިޢުލާން ކުރާނެކަމަށެވެ. އަދި އަލަށް އިންތިޚާބުވާ މެންބަރުންނާއެކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މަސައްކަތްތައް މިމަހުގެ 26 ވަނަ ދުވަހު ފެށޭވަރުވާނެކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

މާލޭ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި 7 ދާއިރާއަކަށް މެންބަރުން އިންތިޚާބުކުރުމަށް ވަނީ ހަމަޖެހިފައިއެވެ. އެ 7 ދާއިރާއަކީ މާފަންނު ހުޅަނގު ދާއިރާ، ހެންވޭރު އުތުރު ދާއިރާ، މައްޗަންގޯޅި އުތުރު ދާއިރާ، މައްޗަންގޯޅި މެދު ދާއިރާ، ގަލޮޅު އުތުރު ދާއިރާ އަދި ގަލޮޅު ދެކުނު ދާއިރާއެވެ. މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރު 6 ދާއިރާއަކަށް އެންމެ ކެންޑިޑޭޓަކު ކުރިމަތިލާފައިވުމުގެ ސަބަބުން، އެ ދާއިރާތަކަށް އިންތިޚާބަކާއި ނުލައި، އެ ކެންޑިޑޭޓުން ވަނީ ހޮވިފައެވެ.