ޚަބަރު

ކުރީގެ ރައީސް ޔާމީންގެ ބޭންކު އެކައުންޓުތައް ފްރީޒްކޮށްފި


ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ބޭންކު އެކައުންޓުތައް ފްރީޒުކޮށްފިއެވެ.

ޕީއެސްއެމް ނިއުސްއަށް އެނގިފައިވާ ގޮތުގައި ރައީސް ޔާމީން އެކައުންޓުތައް ފްރީޒުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. އަދި އެކަން ކޮށްފައިވަނީ ފުލުހުން މިހާރު ތަޙްޤީގު ކުރަމުން އަންނަ މައްސަލައަކާއި ގުޅިގެންނެވެ. ފްރީޒުކޮށްފައި ވަނީ ރައީސް ޔާމީންގެ ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ އެކައުންޓާއި މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއައިބީގައި އޮންނަ އެކައުންޓުތަކެވެ.

ރައީސް ޔާމީންގެ ބޭންކު އެކައުންޓުތައް ފްރީޒްކޮށްފައި މިވަނީ މާދަމާ މެންދުރު 2:00ގައި ފުލުސް އޮފީހަށް ހާޒިރުވުމަށް އެމަނިކުފާނަށް ޗިޓު ފޮނުވާފައި ވަނިކޮށެވެ. ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ޗިޓު ފޮނުވީ ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭގައި ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް އެކި ފަހަރުމަތިން ފައިސާ ވަދެފައިވާ މައްސަލައެއްގައެވެ.

ރިޔާސީ އިންތިޚާބަށް ކުޑަތަންވެފައި ވަނިކޮށް ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް 22.5 މިލިއަން ރުފިޔާ ވަދެފައިވާ ކަމުގެ އަޑުތަކެއް ފެތުރިގެންދިޔައެވެ. އެގޮތުން ދެފަހަރެއްގެ މަތިން ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާކަމުގެ އަޑުތަކެއް ފެތުރިފައިވެއެވެ. އަދި އެކަން ބައިނަލްއަޤްވާމީ މީޑިއާތަކުގެ ސަމާލުކަމަށްވެސް ވަނީ އައިސްފައެވެ. އަދި އެ މައްސަލަ މަރުކަޒީ ބޭންކް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ވަނީ ފުލުހުންނަށްވެސް ހުށަހަޅާފައެވެ.

ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ޗިޓު ފޮނުވި މައްސަލާގައި އެމަނިކުފާނުގެ ވެރިކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއާރޒް މިނިސްޓަރ އަލްއުސްތާޛާ އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކުރަނީ އެމަނިކުފާނުގެ އެކައުންޓަށް ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ފައިސާ ވަދެފައިވާ މައްސަލަ ބަލަން ކަމަށެވެ.

ފައިސާތައް ވަދެފައިވާ އެކައުންޓަކީ ރިޔާސީ އިންތިޚާބުގެ ޤާނޫނީ އޮނިގަނޑުގައިވާ ގޮތުން އިލެކްޝަންސް ކޮމިޝަނުން ޑިކްލެއަރ ކުރެއްވި އެކައުންޓެއް ކަމަށްވެސް އާޒިމާ ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއަކީ ރިޔާސީ އިންތިޚާބުގައި ބޭނުން ކުރުމަށް އެކި ގޮތް ގޮތުން ލިބިފައިވާ ފައިސާ ކަމަށް އާޒިމާ ވިދާޅުވިއެވެ.