ޚަބަރު

ސީއެމްސީއޭގެ ވިންޓަރ ކޭމްޕްގައި ބައިވެރިވާ ދިވެހި ކުދިން ޗައިނާއަށް ފުރައިފި


ޗައިނާ މޯލްޑިވިއަން ކަލްޗަރަލް އެސޯސިއޭޝަން، ސީއެމްސީއޭގެ މިއަހަރުގެ ޔޫތް ޑެލިގޭޝަން ޗައިނާއަށް ފުރައިފިއެވެ.

ސީއެމްސީއޭގެ 2018 ވަނަ އަހަރުގެ ވިންޓަރ ކޭމްޕްގައި ބައިވެރިވުމަށް ޗައިނާއަށްދާ ޑެލިގޭޝަނުގައި މުޅިއެކު ޖުމްލަ 14 ބައިވެރިންނާއި 3 އޮފިޝަލުން ހިމެނެއެވެ. ސީއެމްސީއޭއީން ކޮންމެ އަހަރެއްގެ ފިނި މޫސުމާ ދިމާކޮށް ބާއްވާ މި ކޭމްޕްގައި މިއަހަރު ބައިވެރިވި ސާނަވީ އުމުރުގެ ދަރިވަރުންގެ ޓީމުގައި ހިމެނެނީ އައްޑޫސިޓީ، ތިނަދޫ އަދި ކުޅުދުއްފުށީ އެކި ސްކޫލްތަކުގެ ދަރިވަރުންނެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ސީއެމްސީއޭ ސައުތު ކޯޑިނޭޓަރ ޝިމްލާ އަޙްމަދު ވިދާޅުވީ މިމަހުގެ 14 އިން 23 އާ ހަމައަށް މި ޑެލިގޭޝަން ޗައިނާގައި ކޭމްޕްކުރާއިރު ޗައިނާގެ ވެރިރަށް ބެއިޖިން އަދި ޝިއާން ސިޓީ އަށް ދިއުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި ރާއްޖެއާއި ޗައިނާގެ ސަޤާފަތް ދައްކުވައިދޭ ތަފާތު ކަންކަން ތަޖުރިބާކޮށްލުމުގެ ފުރުސަތު މި ޑެލިގޭޝަންގެ ބައިވެރިންނަށް ލިބިގެންދާނެކަމަށް ވެސް ޝިމްލާ ވިދާޅުވިއެވެ.

ޗައިނާ މޯލްޑިވިއަން ކަލްޗަރަލް އެސޯސިއޭޝަން، ސީއެމްސީއޭއަކީ ރާއްޖެއާއި ޗައިނާއާ ދެގައުމުގެ ސަޤާފަތާއި ބަސް ދަސްކޮށް ކުރިއެރުވުމާއި ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން ހަރުދަނާކޮށް ވަރުގަދަ ކުރުމުގެ މަޤްޞަދުގައި ހިންގާ ޖަމިއްޔާއެކެވެ.