ޚަބަރު

މުޅި ރާއްޖެ ފެހިކުރުމުގެ ޤައުމީ ހަރަކާތް މާދަމާ ފަށަނީ


މުޅި ރާއްޖެ ފެހިކުރުމަށް ހިންގާ ޤައުމީ ހަރަކާތް "ރަށްފެހި ޕްރޮގްރާމް" މާދަމާ ފެށުމަށް ނިންމައިފިއެވެ.

ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މުޅި ރާއްޖެ ފެހިކުރުމުގެ ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބާއްވާ ޙާއްސަ ރަސްމިއްޔާތެއްގައެވެ. މި ޕްރޮގްރާމް ރަސްމީކޮށް ފަށްޓަވައިދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

"ރަށްފެހި ޕްރޮގްރާމް" އާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޒާހިރު ވިދާޅުވީ، ސަރުކާރުގެ ފަރާތުން މިފަދަ ހަރަކާތެއް ހިންގުމުގެ އެންމެ ބޮޑު ބޭނުމަކީ ތިމާވެއްޓާ ރަށްޓެހި އާދަތަކަށް އާއްމުން ހޭލުންތެރިކުރުވުން ކަމަށެވެ. އަދި ތަރައްޤީއާއެކު ގެއްލެމުންދާ ރާއްޖޭގެ ފެހިކަން އަލުން ދިރުވައި އާލާކުރުމާއި، މިކަމުގައި އާއްމުންގެ ބައިވެރިވުން އިތުރު ކުރުންކަމަށެވެ.

ޒާހިރު ވިދާޅުވީ، ރުކަކީ މިހާރު ރާއްޖޭން ވަރަށް ބޮޑަށް މަދުވެފައިވާ ބާވަތެއްކަމަށާއި، ފެހިކުރުމުގެ ޤައުމީ މި ހަރާކާތުގެ ތެރެއިން ރުކާއި، ނެތުމުގެ ބިރު ހީވެފައިވާ ގަހުގެ ބާވަތްތައް އިންދުމަށް ބާރު އަޅާކަމަށެވެ. އެގޮތުން މާދަމާގެ ހަރަކާތުގައި އެކަނިވެސް އެކި ވައްތަރުގެ ގަހާއި، ރުއް ހިމެނޭހެން ޖުމްލަ 250 ރުއްގަސް އިންދުމަށް ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"
"އަޅުގަނޑުމެން މިބަލަނީ މާދަމާގެ ހަރަކާތުގައި ރުކާ ގަހާ އެކީގައި 250 ރުށްގަސް އިންދޭނެކަމަށް. ރުކަކީ މިއަދު ރާއްޖޭގައި ވަރަށް ބޮޑަށް މަދުވަމުންދާ އެއްޗެއް. އަދި ރުއްތަކުގެ މަތިވަރުވެސް ވަރަށް ބޮޑަށް ދަށްވެފައި މިއޮތީ. އެހެންވީމަ މިހަރަކާތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާއާއި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އިންދަވާނީވެސް ރުއް. އޭގެ އިތުރުން ގޮނޑުދޮށުގައި ހެދޭ އެކި ވައްތަރުގެ ގަސްވެސް އިންދާނެ."
މުޙައްމަދު ޒާހިރު - އެންވަޔަރަމަންޓް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް

މުޙައްމަދު ޒާހިރު ވިދާޅުވީ، ފެހިކުރުމުގެ ޤައުމީ ހަރަކާތް ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި މާދަމާ ފެށިނަމަވެސް ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މުޅި ރާއްޖެއަށް މި ހަރަކާތް ފުޅާކުރުމަކީ އެންވަޔަރަމަންޓް މިނިސްޓްރީގެ އަމާޒެއްކަމަށެވެ. އަދި މި ހަރަކާތުގެ ތެރެއިން އެންމެ ބޮޑަށް ބާރުއަޅާނީ ރަށްރަށުގައި މިހާރުވެސް ހެދިފައިހުރި ރުށްގަސް އުފުރައިގެންގޮސް އެހެންތަނެއްގައި އިންދުމުގެ ބަދަލުގައި ގޮތްޕާއި، ދަނޑިފަދަ އެއްޗެހި ރޯކޮށްގެން އިންދުމަށްކަމަށެވެ.

"އަޅުގަނޑުމެން ހުރިހާ ކައުންސިލްތަކަށްވެސް ދަންނަވާނަން އެރަށެއްގެ ހާއްސަ ވެޖިޓޭޝަންގައި ހުރި ގަސްގަހާގެހީގެ ތެރެއިން ގޮތްޕާއި، ދަނޑިކަހަލަ އެއްޗެހި ރޯކޮށްގެން، އެ އެއްޗެހި އިންދުމަށް. އެގޮތުން އެ ރަށެއްގެ ނެޗުރަލް ވެޖިޓޭޝަންގައި ހުންނަ ބައެއްކަހަލަ ގަސްގަހުގެ ދަނޑިތައް ކަނޑައި، ރޯކުރުމަށްޓަކާ ނާރސަރީކުރުން އެއީ މި ހަރަކާތުގެ ތެރެއިން އަޅުގަނޑުމެން އެންމެ ބޮޑަށް ބާރު އަޅާނެ ކަންތައް. އަޅުގަނޑުމެން އެއްގޮތަކަށްވެސް ނޭދެން ތަންތާނގައި މިހާރު ހެދިފައިހުރި ގަސްތައް އުފުރައިގެން ގެނެސް ގަސް އިންދުމުގެ ހަރަކާތެކޭ ބުނެ އަލުން އިންދާކަށް." ޒާހިރު ވިދާޅުވިއެވެ.

މުޅި ރާއްޖެ ފެހިކުރުމުގެ ގޮތުން "ރަށްފެހި"ގެ ނަމުގައި ޤައުމީ ހަރަކާތެއް މާދަމާ ފެށުމަށް ސަރުކާރުން ނިންމާފައިވާއިރު، މުޅި ރާއްޖެ ސާފުކުރުމުގެ ޤައުމީ ހަރަކާތެއް "ސާފުރާއްޖެ - އަހަރެންގެވެސް ޒިންމާ" ގެ ނަމުގައި ސަރުކާރުން ދާދިފަހުން ވަނީ ފަށާފައެވެ.