ވިޔަފާރި

ގެސްޓް ހައުސް ދާއިރާގައި އަންހެނުންނަށް ގިނަ ފުރުޞަތުތަކެއް އެބަހުރި- ޖީ.އެމް.އޭ


ލޯކަލް ޓުއަރިޒަމް އަދި ގެސްޓްހައުސްގެ ދާއިރާއަކީ އަންހެނުންނަށްވެސް ފުރުސަތު އޮތް ދާއިރާއެއްކަމަށް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް، ޖީ.އެމް.އޭގެ ރައީސް އަހުމަދު ކަރަމް ވިދާޅުވެއްޖެއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ގެސްޓްހައުސް އެސޯސިއޭޝަންގެ ރައީސް އަހުމަދު ކަރަމް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއަކީ ހަމައެކަނި ފިރިހެނުންނަށް ޚާއްސަ ދާއިރާއެއްކަމަށް ޤަބޫލުކޮށް ކުރިން އަންހެނުން މިދާއިރާއިން ބާކި ކުރިނަމަވެސް، ގެސްޓްހައުސް ވިޔަފާރި ތަޢާރަފްވުމާއެކު މިވިސްނުން ބަދަލުވެ ގިނަ އަދަދެއްގެ އަންހެން ބޭފުޅުން މިދާއިރާއަށް ނިކުންނަކަން ފާހަގަކުރެވިފައިވާކަމަށެވެ. އެހެންކަމުން މިއީ ގެސްޓްހައުސް ދާއިރާގައި އަންހެނުންގެ ކުރިމަގު އޮތްކަން ޔަޤީންވާ ކަމެއްކަމަށް ކަރަމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ވަރަށް ފާހަގަކުރެވޭކަމެއް ދިވެހިރާއްޖޭގެ ޓޫރިޒަމް ކުރީގައި އޮތް ގޮތުން އަންހެން ބޭފުޅުންނަށް ޓޫރިޒަމްގައި އުޅުމުގެ ފުރުސަތު ވަރަށް ކުޑަކަމަށް. އެއި ރަށުން ބޭރަށް ރިސޯޓަށް ފޮނުވަން މައިންބަފައިން އެބަ ޖެހިލުންވޭ. އެހެންނަމަވެސް ރަށުގައި ޖެހިގެން އިންނަ ގެސްޓް ހައުސްއަށް، ކުއްޖެއްގެ ބޭބެ ހިންގާ ގެސްޓްހައުސްގެ ރިސެޕްޝަންއަށް ފޮނުވާކަށް މާބޮޑު ހިތްބަރުކަމެއް ނޯވޭ. އަދި ހަމައޭގެ އިތުރަށް އަޅުގަނޑުމެން މިކިޔާ ގެސްޓްހައުސްތަކަކީ ފެމިލީ އޯން ގެސްޓް ހައުސްތަކެއް އެހެންވީމަ މުޅި ފެމެލީ އިންވޯލްވެގެން ކުރާ ވިޔަފާރިއެއް ވީމަ އަންހެން ބޭފުޅުންނަށް ކުރިޔާ ޚިލާފަށް ޓޫރިޒަމް އިންޑަސްޓްރީގައި ހަރަކާތްތެރިވަން ވަރަސް ބޮޑު ފުރުސަތެއް ލިބިގެންދާނެ." ކަރަމް ވިދާޅުވިއެވެ.

ކަރަމް ވިދާޅުވި ގެސްޓް ހައުސްތަކުގެ ވިޔަފާރިއަކީ ރާއްޖޭގެ އިޤްތިސާދަށް ވަރަށް ބޮޑު ކުރިއެރުމެއް ގެންނަ ވިޔަފާރިއެއްކަމަށެވެ.

ގެސްޓްހައުސް ވިޔަފާރީގައި ރާއްޖެ ބޮޑެތި ކުރިއެރުން ހޯދާފައިވާއިރު މިހާރުވެސް ރާއްޖޭގެ 60 އަށް ވުރެ ގިނަ ރަށުގައި ފަސް ސަތޭކައަށްވުރެ ގިނަ ގެސްޓްހައުސް ހިންގައެވެ. އަދި ރާއްޖޭގައި މިވަގުތު ސާޅީސް ހާހަށްވުރެ ގިނަ އެނދުގެ ޖާގަ ހުރިއިރު މީގެތެރެއިން އަށް ހާސް އެނދަކީ ގެސްޓް ހައުސްތަކުގެ އެނދެވެ. އެހެންކަމުން ގްރީން ޓެކްސްއާއި ޓީ ޖީއެސްޓީގެ ގޮތުގައި ގެސްޓް ހައުސްތަކުން ދައުލަތަށް ބޮޑު އާމްދަނީއެއް ލިބެއެވެ.