ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރައީސްކަމުގައި ހުންނަވައިގެން ޤާނޫނާ ޚިލާފަށް މާލީ މުޢާމަލާތަކެއް ހިންގަވާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ތަޙްޤީޤް ކުރަމުންދާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މި މައްސަލަތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާކަމަށެވެ. ފުލުހުން ވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފުލުސް އޮފީހަށް ހާޒިރުވުމަށް ޗިޓުވެސް ފޮނުވައިފިއެވެ.
ނަން ހާމަކުރަން ބޭނުން ނުވާ ޕީޕީއެމްގެ މަޖިލިސް މެންބަރަކު ޕީއެސްއެމް ނިއުސްއަށް މިރޭ ވިދާޅުވީ ކުރީގެ ރައީސް ޔާމީން އަންނަ ހޮނިހިރު ދުވަހުގެ މެންދުރު 2:00ގައި ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ޗިޓު ފޮނުވާފައިވާ ކަމަށެވެ. ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ޗިޓު ފޮނުވީ ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭގައި ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް އެކި ފަހަރުމަތިން ފައިސާ ވަދެފައިވާ މައްސަލައެއްގައި ކަމަށްވެސް މެންބަރު ވިދާޅުވިއެވެ.
މެންބަރު ވިދާޅުވީ ޗިޓާއި ޙަވާލުވެވަޑައިގަތީ ރައީސް ޔާމީން އަމިއްލަފުޅަށް ކަމަށެވެ.
ރިޔާސީ އިންތިޚާބަށް ކުޑަތަންވެފައި ވަނިކޮށް ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް 22.5 މިލިއަން ރުފިޔާ ވަދެފައިވާ ކަމުގެ އަޑުތަކެއް ފެތުރިގެންދިޔައެވެ. އެގޮތުން ދެފަހަރެއްގެ މަތިން ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާކަމުގެ އަޑުތަކެއް ފެތުރިފައިވެއެވެ. އަދި އެކަން ބައިނަލްއަޤްވާމީ މީޑިއާތަކުގެ ސަމާލުކަމަށްވެސް ވަނީ އައިސްފައެވެ. އަދި އެ މައްސަލަ މަރުކަޒީ ބޭންކް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ވަނީ ފުލުހުންނަށްވެސް ހުށަހަޅާފައެވެ.
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުވާން ޗިޓު ފޮނުވާފައިވާއިރު ކުރީގެ ޓޫރިޒަމް މިނިސްޓަރ އަދި ޕީޕީއެމްގެ ނާއިބު ރައީސް މޫސާ ޒަމީރުވެސް ވަނީ ދާދިފަހުން ފުލުސް އޮފީހަށް ހާޒިރުކޮށްފައެވެ.