ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި ޚާރިޖީ ދާއިރާއިން ވެފައިވާ ވަޢުދުތައް ފުއްދާފައިވާ ކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހުރިހާ ދާއިރާއަކުން ވެސް ގިނަ ވަޢުދުތަކެއް ފުއްދުމަށް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ފޮރިން މިނިސްޓްރީން ވަނީ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ދެ ވަޢުދެއް ފުއްދައިދޭނެ ކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް ދެއްވާފައެވެ.
ފޮރިން މިނިސްޓްރީގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ ވަޢުދުތަކުގެ ތެރޭގައި ހިމެނެނީ ދިވެހިރާއްޖެ ކޮމަންވެލްތުގައި އަލުން ބައިވެރިވުމެވެ. އަދި ޔޫއެންގައިވާ ރާއްޖޭގެ މައްސަލަތައް ހުރި ހިސާބެއް ބަލައި މައްސަލަތައް އަވަހަށް ނިންމުމަށް ބާރު އެޅުމަކީވެސް ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރާނެ ކަމަށް ވަޢުދުވެފައިވާ ކަންކަމެވެ.
ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޞާލިޙުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފޮރިން މިނިސްޓްރީން ކުރުމަށްވި ދެ ވަޢުދުވެސް ފުދިފައިވާ ކަމަށެވެ.
އެގޮތުން ރާއްޖެ ކޮމަންވެލްތްގައި އަލުން ބައިވެރިވުމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙުގެ ކެބިނެޓުން ނިންމައި ރައްޔިތުން މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުން އެކަން ވަނީ ފާސްކޮށްފައެވެ. އެކަން މަޖިލީހުން ފާސްކުރުމާއިއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮމަންވެލްތްގެ ސެކްރެޓަރީ ޖެނެރަލަށް ސިޓީއެއް ފޮނުއްވައި ރާއްޖެ ކޮމަންވެލްތްގައި ބައިވެރިވާން ޝައުގުވެރިވާކަން ރަސްމީކޮށް ފާޅުކުރައްވާފައެވެ. އަދި އދ. ގެ ވޯކިން ގްރޫޕްތަކުގައި ހުރި މައްސަލަތައް އަވަސް ކުރުމަށް ވެސް ފޮރިން އިން ވަނީ ބާރު އަޅާފަ އެވެ.
ރައީސް ޞާލިޙުގެ މެނިފެސްޓޯގައި ޚާރިޖީ ދާއިރާއާ ގުޅުންހުރި ވަޢުދުތައް ފުއްދުމުގެ ބުރަ މަސައްކަތް ފޮރިން މިނިސްޓްރީން ކުރަމުން އަންނައިރު ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ އެހީތައް ހޯދުމުގެ މަސައްކަތްވެސް ފޮރިން މިނިސްޓްރީން ކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.