ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ 11 އަހަރުގެ ޖަލު ޙުކުމް ސުޕްރީމު ކޯޓުން މިރޭ ބާތިލް ކޮށްފިއެވެ.
ނާޒިމް ދިރިއުޅުއްވާ އެޕާޓްމެންޓުން ފިސްތޯލައެއް ފެނުނު މައްސަލާގައި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގައި އޭނާ 11 އަހަރަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމް ކުރީ 2015 ވަނަ އަހަރުއެވެ. އެ ހުކުމަށް ހައިކޯޓުންވެސް ވަނީ ތާއިދުކޮށްފައެވެ. ސުޕްރީމް ކޯޓުގައި މައްސަލަ ނާޒިމްގެ ފަރާތުން އިސްތިއުފާކުރުމުން 2016 ވަނަ އަހަރުގެ ތެރޭގައި އެ ކޯޓުން ނިންމީ މައްސަލަ ބަލައިނުގަތުމަށެވެ. އެހެންކަމުން ނާޒިމްގެ ފަރާތުން ދާދިފަހުން ވަނީ އެ މައްސަލަ އަލުން ރިވިއު ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ.
ނާޒިމްގެ ފަރާތުން ސުޕްރީމް ކޯޓުގެ ހުކުމް ރިވިއުކޮށް ދޭން ހުށަހެޅުއްވި މައްސަލާގައި ޝަރީއަތް ހިންގުމަށްފަހު މިރޭ އިއްވި ޙުކުމްގައި ބުނީ ނާޒިމްގެ މައްޗަށް އިއްވި 11 އަހަރު ދުވަހުގެ ޖަލު ޙުކުމް ސާބިތުނުވާ ކަމަށް ނިންމީ ނާޒިމްގެ ގެއިން ފެނުނު ފިސްތޯލާގައި ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބުގެ ޑީއެންއޭ ފެނިފައިވާތީ ކަމަށެވެ.
ޙުކުމްގައި ބުނީ ނާޒިމްގެ ގެއިން ފެނުނު ފިސްތޯލާގައި އެހެން މީހެއްގެ ޑީއެންއޭ ފެނުމަކީ އެހެން މީހަކާ ގުޅުމެއްވާ ކަމުގެ ދަލީލެއް ކަމަށެވެ. އަދި އެކަމަކީ މައްސަލާއިގެ ޝަރީޢަތުގެ މަރުޙަލާގައި ނާޒިމްގެ ފަރާތުން އޭނާ ފްރޭމް ކުރުމަށް ކުރި ކަމެއް ކަމަށް ބުނެ ދެއްކި ވާހަކައަށް ބާރުލިބޭ ކަމެއް ކަމަށްވެސް ޙުކުމްގައި ބުނެފައިވެއެވެ.
ނާޒިމްގެ ގެއިން ފެނުނު ފިސްތޯލައާއެކު ފެނުނު ތިން ވަޒަނަކީ ނާޒިމްގެ އެއްޗެއްކަން ސާބިތުކުރެވޭ ވަރަށް ދަޢުލަތަށް ހެކި ހުށަހެޅިފައި ނުވާ ކަމަށްވެސް ސުޕްރީމް ކޯޓުން އިއްވި ޙުކުމްގައި ބުނެފައިވެއެވެ. އަދި މައްސަލާގައި ނާޒިމްގެ ގެއިން ފެނުނު ފިސްތޯލައަކީ އެމްއެންޑީއެފްގެ އެއްޗެއް ނޫން ކަމަށްބުނެ އެމްއެންޑީއެފްއިން ބުނެ ހުށަހަޅާފައިވާ ސިޓީންވެސް ނާޒިމްއާ ދެކޮޅަށް އެއްވެސް ހެއްކެއް ހުށަހެޅިފައިނުވާ ކަމަށްވެސް ޙުކުމްގައި ބުނެފައިވެއެވެ. އަދި އެ ސިޓީން ހަމައެކަނި އެނގެނީ އެއީ އެމްއެންޑީއެފްގެ އެއްޗެއް ނޫންކަން ކަމާއި އެއީ ނާޒިމްގެ އެއްޗެއްކަން ސިޓީން އެނގެން ނެތް ކަމަށް ޙުކުމްގައިވެއެވެ.
ސުޕްރީމް ކޯޓުން ވަނީ ނާޒިމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި 11 އަހަރު ދުވަހުގެ ޖަލު ޙުކުމާއި އެ ޙުކުމަށް ތާޢީދުކޮށް ހައިކޯޓުން ކުރި ޙުކުމް ޤާނޫނީ އަދި ޝަރުޢީ ގޮތުން ގޯސް ޙުކުމެއް ކަމަށް ކަނޑައަޅައި އެ ޙުކުމް ބާތިލްކޮށްފައެވެ.