ވިޔަފާރި

އިޤްތިޞާދީ އިންޤިލާބަކަށް ދަތުރުކުރާއިރު މުޢާސަލާތީ ކުންފުނިތަކުގެ އެހީ މުހިއްމު- މިނިސްޓަރ މަލީޙު


ދިވެހިރާއްޖެ އިޤްތިޞާދީ އިންޤިލާބަކާ ދިމާލަށް ދަތުރުކުރާއިރު، މުޢާސަލާތީ ކުންފުނިތަކަކީ އެކަމުގައި އެންމެ އިސް ދައުރެއް އަދާކުރެވޭނެ ފަރާތްތަކަމަށް މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ޓެކްނޮލޮޖީ އެންޑް ސައިންސް މުޙައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

ދިރާގުގެ އެޕެރެންޓިސްޝިޕް ޕްރޮގްރާމްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މަލީހު ވިދާޅުވީ އިޤްތިޞާދީ ހުރިހާ ޞިނާޢަތެއްގައިވެސް މުޢާސަލާތީ ގުޅުމަކީ އެ ދާއިރާއެއް ކުރިއަރުވަން އެންމެ މުހިއްމު ވަޞީލަތްކަމަށެވެ. އެގޮތުން އިޤްތިޞާދީ ހުރިހާ ދާއިރާއަކަށް ދިމާވާ ގޮންޖެހުންތަކަށް ޙައްލު ހޯދޭނީ މުޢާސަލާތީ ވަޞީލަތްތަކުގެ އެހީގައިކަަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުން ކޮމިއުނިކޭޝަން ސައިންސް އަދި ޓެކްނޮލޮޖީގެ ދާއިރާއަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެނީ އެސަބަބާ ހެދިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ފަތުރުވެރިކަން ވިޔަސް، ދަނޑުވެރިކަން ވިޔަސް މަސްވެރިކަން ވިޔަސް ކޮންސްޓްރަކްޝަން ކަމުގައި ވިޔަސް ކަންކަން ކުރުމުގައި އެކަންކަން ފަސޭހަ ކަމާއިއެކު ކުރެވޭނެ ގޮތް، ސޮލިއުޝަންސްތައް ޕްރޮވައިޑް ކުރަނީ ދިރާގުފަދަ ކުންފުނިތަކުން. ޙަޤީޤަތުގައި އިޤްތިޞާދު ކުރިއަށް ގެންދިއުމުގައި އެންމެ މުހިއްމު ދައުރެއް އަދާ ކުރާ ބަޔަކީ ދިރާގު ފަދަ (ޓެލެކޮމިއުނިކޭޝަން) ކުންފުނިތައް" މަލީހް ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި އެކި އެކި ދާއިރާތަކުން މުޢާސަލާތީ ކުންފުނިތަކުގެ އެހީތެރިކަން ސަރުކާރަށް ބޭނުންވާކަން ފާހަގަކުރެއްވިއެވެ. އެގޮތުން، ޞިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާފަދަ ދާއިރާތަކުން މުއާޞަލާތީ ކުންފުނިތަކުގެ އެހީތެރިކަން ބޭނުންވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ސަރުކާރު ހުޅުވިފައި ހުންނަން ޖެހޭ 24 އަވާޒް.އޮޓޯމޭޝަންގެ ތެރެއިން..ވެބް ޕޯރޓަލް މެދުވެރިކޮށް އަޅުގަނޑުމެންނަށް އެ ޚިދުމަތްދެވޭނެ.. ދެވޭ ޚިދުމަތަކީ އެކަށީގެންވާ ރަނގަޅު އަގުގައި.. އަގުހެޔޮ ކުރުމަކީ ކޮންމެހެން ލިބޭ ޢަމްދަނީ ދަތިވާންޖެހޭ ކަމެއް ކަމަކަށް އަޅުގަނޑު ނުދެކެން. ގިނަ ބަޔަކު އެއް ޚިދުމަތް ގިނައިން ބޭނުން ކުރަންޏާ އަގު ހެޔޮކޮށް ބޭނުން ކުރި ކަމުގައި ވާނަމަވެސް އަޅުގަނޑުމެންނަށް ފައިދާވެސް ލިބިގެންދާނެ" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ މަލީހް ވިދާޅުވީ މިހާރުވެސް މުޢާސަލާތީ ކުންފުނިތަކާ ގުޅިގެން، ގިނަ މަޝްވަރާތަކެއް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ. އަދި ކުންފުނިތަކުންވެސް އެކަމަށް އެއްބާރުލުންދެއްވާކަން ފާހަގަކުރެއްވިއެވެ.