ސިޔާސީ

ހުޅުމާލެއަކީ ޒުވާނުންގެ އުންމީދުތަށް ފުރިހަމަކޮށްދޭނެ ޝަހަރަކަށް


ހުޅުމާލެއަކީ ޒުވާނުންނަށް ހިތްފަސޭހަކަމާއި، ‏‏ހިތްގައިމުކަމާއި އަދި އެމީހުންނަށް ‏‏ފުދުންތެރިކަމާއި، ‏‏ކުޅިވަރުގެ ވަސީލަތްތަކާއި އަދި އެނޫންވެސް ސިޓީއެއްގައި ހުންނަންޖެހޭ ‏‏މުނިސިޕަލް ހުރިހާ ‏‏ފެސިލިޓީތަކެއް އެކުލެވިގެންވާ، ޒުވާނުންގެ އުންމީދުތައް ފުރިހަމަކޮށްދޭނެ ‏‏ޝަހަރަކަށް ވެގެންދާނެކަމުގައި ‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ‏‏ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކުމުގެ ‏‏މަޝްރޫޢު އިފްތިތާހު ކުރުމަށްޓަކައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.‏‏ރޭ ރާޅުގަނޑު ސަރަޙައްދުގައި‏ އޮތް މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ‏‏ދެއްކެވި ވާހަކަފުޅުގައި، މިއަހަރަކީ މިނިވަންކަމުގެ 50 އަހަރު ފާހަގަކުރާ އަހަރުކަމަށް ވުމާއެކު،‏ ‏‏މިނިވަންކަމުގެ ރާޙަތު އެންމެ ބޮޑަށް ލިބެންޖެހޭ ބަޔަކީ އަދި އޭގެ އެންމެބޮޑު ޝަރަފަކާއި، ‏‏އޭގެ ‏‏އެންމެބޮޑު ހިތްހަމަޖެހުމެއް ހޯދަންޖެހޭ ބަޔަކީ ދިވެހި ޒުވާނުންކަމުގައި ފާހަގަކުރެއްވިއެވެ. މިގޮތުން، ‏‏މިއަހަރަކީ ސަރުކާރުން ޒުވާނުންގެ އަހަރެއްގެ ގޮތުގައި ޚާއްޞަކޮށްފައިވާ އަހަރެއް ކަމުގައި ‏‏ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ‏‏މިރޮނގުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ‏‏މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ސަލާމަތްކުރުމަށްޓަކައި މިއަހަރު ދިވެހި ދަޢުލަތުގެ ބަޖެޓްގައި ‏‏އިސްކަމެއް ދެއްވުމަށް ހަމަޖެހިފައިވާނެ ކަމުގައި ވިދާޅުވިއެވެ. އަދި، ‏ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ‏‏މަޝްރޫޢުގެ އެންމެ ކުރީކޮޅު، މާލެ ފިޔަވައި ރާއްޖޭގައި ހެދޭ އެންމެ ބޮޑު ‏‏ރީހެބިލިޓޭޝަން ‏‏ސެންޓަރު ހުޅުމާލޭގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.‏ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުން ހުޅުމާލެ ބިނާކުރަނީ ވަކި ‏‏ކުލައެއްގައި ތިބި، ނުވަތަ ހަމައެކަނި މާލޭގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ނޫންކަމުގައި ‏‏ބަޔާންކުރައްވަމުން، ސަރުކާރުން ހުޅުމާލެ ތަރައްޤީކުރަނީ ހުރިހާ ދިވެހި ރައްޔިތުންނަށް ކަމުގައި ‏‏ވިދާޅުވިއެވެ. މިރޮނގުން އެމަނިކުފާނުގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ކުދި ރަށްރަށުގައި ‏‏ތިއްބެވި ހުރިހާ ޒުވާނުންނަށް ހުޅުމާލެއަށް ހިޖުރަކުރުމަށް ތައްޔާރުވެ ތިބުމަށް އެމަނިކުފާނު ‏‏އިލްތިމާސްކުރެއްވިއެވެ.‏‏" ‏އަޅުގަނޑުމެން މި ދަޢުވަތު އަރުވަނީ، މި ޝަހަރު އުފެދިގެން ދިޔައީމަ، މި ‏‏ރަށްރަށުން ‏‏ޒުވާނުން ވަޑައިގަންނަވާށޭ. އަޅުގަނޑުމެން ފަސޭހަގޮތްތަކެއް ހަމަޖައްސައިދޭނަމޭ. ޒުވާނުން މިކޮޅަށް ‏‏‏ހިޖުރަކުރުމާއެކީ އިރާދަކުރެއްވިއްޔާ، ޒުވާނުންނަށް ‏‏އެކަށީގެންވާ ‏‏ވަޒީފާތަކެއްވެސް ހުޅުމާލެއާއި މާލޭގެ ސަރަޙައްދުން އުފައްދައިދޭނަން‏" ‏‏ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.‏‏ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަޝްރޫޢު ‏‏ނިމިގެންދާއިރު، ހުޅުމާލޭގައި މިހާރު ދިރިއުޅޭ ސާޅީސްހާސް މީހުންގެ އާބާދީއާއެކު، ވިހިހާހާ ގާތްކުރާ ‏‏އާބާދީއެއް ދިރިއުޅޭނެކަމުގައި ވިދާޅުވިއެވެ. މިގޮތުން، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ‏‏ދަތުރުފަތުރުގެ ލުއިފަސޭހަކަން ހޯދައިދިނުމުގެ ގޮތުން، މިއަހަރުގެ ތެރޭގައި ޗައިނާ ސަރުކާރުގެ ‏‏އެހީގައި މާލެއާއި-ހުޅުމާލެއާއި ދޭތެރޭ އެޅުމަށް ހަމަޖެހިފައިވާ ބްރިޖުގެ މަސައްކަތް ‏‏ފެށިގެންދާނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެއިތުރަށް، އެމް.ޓީ.ސީ.ސީ ފެރީގެ ‏‏ޚިދުމަތްތައް ހަރުދަނާކުރުމަށްޓަކައި، ފެރީ ‏‏އިތުރުކުރުމުގެ މަސައްކަތްތަކެއް މިހާރު އެކުންފުނިން ‏‏ވަނީ ފަށާފައިކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.‏