ކުޅިވަރު

ނޮޅިވަރަމް ސުޒުކީ ކަޕްގެ ޗެމްޕިއަންކަން ހިރަފުސް ހޯދައިފި


ހދ ނޮޅިވަރަމްގައި ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ކުޅުދުއްފުށީ، ހިރަފުސް ޓީމު ހޯދައިފި އެވެ.

ނޮޅިވަރަމްގެ ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި ނޮޅިވަރަމްގެ ޗަކްލީ ޓީމުގެ މައްޗަށް ހިރަފުސް ކުރި ހޯދީ 2-1 ގެ ނަތީޖާއަކުންނެވެ. ހިރަފުހަށް ދެ ގޯލް ކާމިޔާބުކޮށްދިނީ އާސިފް ސަލީ، އާލިފް އިބުރާހިމެވެ.

ޗަކްލީ ޓީމަށް ޖަހައިދިން ހަމައެކަނި ގޯލް ޖަހާފައިވަނީ އަހުމަދު ރަޝީދެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޗަކުލީގެ މުހައްމަދު ހަލީލެވެ.

މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރަކީ ހިރަފުސްގެ މާހީ އަބުދުﷲ އެވެ. އެންމެ މޮޅު ޑިފެންޑަރަކަށް ހިރަފުހުގެ ފަރުހަތު ހޮވުނުއިރު، އެންމެ މޮޅު ފޯވާޑަކީ އެޓީމުގެ ފަތުހުﷲ އާދަމަށެވެ. ކުލަބު ކުލަސްޓާރގެ އިބުރާހިމް މުޙައްމަދަށް 21 އަހަރުގެ ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނުއިރު، އެންމެ މޮޅު މިޑްފިލްޑަރަކީ ފްރެންޑް ޔުނައިޑެޓް ހުސެއިން މުޙައްމަދެވެ.

މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔަކީ ފްރެންޑްސް ޔުނައިޓެޑްގެ ހަސަން ޝާމިލެވެ. މިމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޗެންޕިއަން ހިރަފުސް ޓީމްގެ ފަރުހަތު މުޙައްމަދެވެ.

މިމުބާރާތުގެ ހާއްސަ މަގާމުތަކަށް ދިޔަ ފަރާތްތަކަށް އިނާމާއި ޓްރޮފީ ހަވާލުކޮށްދެއްވީ ޤައުމީ ފުޓްބޯޅަ ޓީމަށްވެސް ކުޅުނު މާޒިޔާގެ އަމްދާން އަލީ، (އެންޑީ) އެވެ.

މިއީ މި މުބާރާތް ނޮޅިވަރަމްގައި ބޭއްވި ތިންވަނަ އަހަރެވެ. މިދިޔަ ދެ އަހަރު މި މުބާރާތް ބާއްވާފައިވަނީ ނޮޅިވަރަމްގެ ޓީމުތަކަށް އެކަނި ބައިވެރިވެވޭގޮތަށެވެ.