ސިއްހަތު

ސިއްޙީ ދާއިރާ ތަރައްޤީކުރުމާ ގުޅޭގޮތުން އިންޑިއާ ސަރުކާރާއެކު މަޝްވަރާކޮށްފި


ރާއްޖޭގެ ސިއްޙީ ދާއިރާ ތަރައްޤީކުރުމާ ގުޅޭގޮތުން އިންޑިއާ ސަރުކާރާއެކު މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށްގެންގޮސްފައިވަނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ކުރިއަށްދާ "ޕަރޓްނާސް ފޯރަމް 2018" ގައި ބައިވެރިވުމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ޕަރޓްނާސް ފޯރަމްގެ ހަވާސާގައި ހެލްތް މިނިސްޓަރ އަމީން ވަނީ، އިންޑިއާގެ މިނިސްޓަރ އޮފް ހެލްތް އެންޑް ފެމެލީ ވެލްފެއަރ ޖަގަތު ޕްރަކާޝް ނައްޑާއާއެކު ބޭއްވެވި ބައްދަލުވުމުގައި އިންޑިއާ ސަރުކާރާއި، ދިވެހި ސަރުކާރާ ދެމެދު ސިއްޙީ ދާއިރާއިން ވެފައިވާ ބައެއް އެއްބަސްވުންތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. އޭގެ ތެރޭގައި ރާއްޖޭގެ ސިއްޙީ ނިޒާމް ހަރުދަނާކުރުމާއި، ސަރުކާރުގެ މައި ހޮސްޕިޓަލް، އައި.ޖީ.އެމް.އެޗްގެ ކެޕޭސިޓީ އިތުރުކުރުމާ ގުޅޭ އެއްބަސްވުންތައް ހިމެނެއެވެ. އަދި ކެންސަރު ބައްޔަށް ފަރުވާ ހޯދުމުގައި ސަރަޙައްދީ ފެންވަރުގައި މަސައްކަތް ކުރާ ރީޖަނަލް ކެންސަރ ސެންޓަރ، އާރު.ސީ.ސީއާ ގުޅޭގޮތުންވެސް ދެ ޤައުމުގެ ދެމެދު މަޝްވަރާކޮށްފައިވެއެވެ.

ހެލްތް މިނިސްޓަރ އިންޑިއާއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގައި "ޕަރޓްނާސް ފޯރަމް 2018"ގައި ކުރިއަށްދިޔަ ތަފާތު މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންފައިވެއެވެ. އަދި މި ފޯރަމްގައި ބައިވެރިވި އެކި ޤައުމުތަކުގެ ހެލްތް މިނިސްޓަރުންނަށް އަމާޒުކޮށްގެން ބޭއްވި މިނިސްޓީރިއަލް ބައްދަލުވުމުގައިވެސް މިނިސްޓަރ އަމީން ވަނީ ބައިވެރިވެވަޑައިގެން، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި އަންހެނުންނާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންގެ ސިއްޙަތާ ގުޅުންހުރި ކަންކަން މިހާރަށްވުރެ ހަރުދަނާ ނިޒާމެއްގެ ތެރެއިން ބައްޓަންކުރުމުގެ މުހިއްމުކަމުގެ މައްޗަށް ވާހަކަފުޅު ދައްކަވާފައެވެ.

މިނިސްޓަރގެ މި ދަތުރު ނިންމަވާލެއްވުމަށްފަހު މާދަމާގެ ވަގުތެއްގައި ރާއްޖެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.