ވިޔަފާރި

ހަފްތާރެސް މާކެޓުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި


ހަފްތާ ބަންދުގައި ބޭއްވުމަށް ތައްޔާރުވަމުންދާ ހަފްތާރެސް މާކެޓުގައި ބައިވެރިވުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ހުޅުވާލައިފި.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މިނިސްޓަރ އޮފް ޔޫތު، ސްޕޯޓް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހުމަދު މަހްލޫފް ވިދާޅުވީ މިއުޒިކާ ވިޔަފާރި ސްޓޯލްތަކާއެކު ބާއްވާ ހަފްތާރެސް މާކެޓުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، ހަފްތާރެސް ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް ގާތްގަނޑަކަށް ނިމިފައިވާކަމަށެވެ.

މިނިސްޓަރ މަހްލޫފް ވިދާޅުވީ މާކެޓްގައި 80 ވަރަކަށް ސްޓޯލް ހިމެނޭއިރު، އާއްމުކޮށް ބާއްވާ ނައިޓް މާކެޓާ ތަފާތުވާނޭކަމަށެވެ. އަދި އަލަށް ވިޔަފާރީގެ ދާއިރާއަށް ވަންނަ ޒުވާނުންނަށް އިސްކަންދޭއިރު، ކަނބަލުންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް އިސްކަންދެއްވާނޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

" ތަފާތަކީ، އަޅުގަނޑުމެން މަގުމަތީ ބާޒާރަށް ދާއިރު، އެކަކު އެއް ސަތަރި، އަނެކަކު އަނެއް ސަތަރި، އެކަކު ފިލާގަނޑެއް ބަހައްޓައިގެން މިއުޅެނީ. އެކަމަކު ވީކްއެންޑް މާކެޓް އެއަށްވުރެ ރީތިކޮށް ތަރުތީބުކޮށް، މިކަން ކުރެވިގެންދާނީ، އޭގެ އިތުރަށް އެފުރުޞަތު އަޅުގަނޑުމެން ހުޅުވާލަން ނިންމާފައި މިއޮތީ ޒުވާނުންނަށް.. އަދި ވިޔަފާރީގެ ތެރެއަށް އަލަށް ވަންނަ ޒުވާނުންނަށް.. އަދި ޒުވާނުން ވިއްކާ ތަކެއްޗަކީ އާއްމުކޮށް ވިއްކާ ތަކެއްޗަށްވުރެ ރައްޔިތުންނަށް އަގުހެޔޮކޮށް ވިއްކުން. އޭގެ އިތުރަށް ސްޓްރީޓް ފުޑްސްވެސް ވިއްކޭ ގޮތަށް.. އަދި އަލަށް މިއުޒިކަށް ވަންނަ ޒުވާނުންނާއި މިހާރުވެސް އެދާއިރާގައި ހަރަކާތްތެރިވާ ޒުވާނުންނަށް ފުރުޞަތު ލިބޭނެ" މިނިސްޓަރ މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފް ވިދާޅުވީ ހަފްތާ ބަންދުގައި ބާއްވާ ބާޒާރަކީ ތަފާތު މާހައުލެއްގައި ގިނަ ރައްޔިތުންތަކެއް އެއްތަނަކުން ބައްދަލުވެ، ވަގުތު ހޭދަކޮށްލުމަށް މަގުފަހިކޮށްދޭނެ ހަރަކާތެއްކަމަށެވެ. އަދި ހަފްތާ ބަންދުގައި މިހަރަކާތް ކުރިއަށްދާއިރު، ހަވީރުގެ ވަގުތު ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތަކެއްވެސް ކުރިއަށްދާނޭކަމަށް މަހްލޫފް ވިދާޅުވިއެވެ.

ހަފްތާ ބަންދުގައި ވީކްއެންޑް މާކެޓެއް ބޭއްވުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދެކެވެ. އަދި އެވަޢުދު ވެރިކަމުގެ ފުރަތަމަ 30 ދުވަހުގެ ތެރޭގައި ފުރިހަމަކުރުމަށް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.