ވިޔަފާރި

އިޤްތިޞާދު ކުރިއެރުވުމަށް ތަޢުލީމާއެކު، ހުނަރުވެރި ޒުވާނުންވެސް ބޭނުންވޭ- މިނިސްޓަރ މަލީޙް


ދިވެހިރާއްޖޭގެ އިޤްތިޞާދު ހަރުދަނާކޮށް، ކުރިއެރުވޭނީ ތަޢުލީމާއެކު، ތަމްރީނާއި ފަންނީ ހުނަރުވެސް ޒުވާނުންގެ ކިބައިގައި ހުރެގެންކަމަށް މިނިސްޓަރ އޮފް ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީޙް ޖަމާލު ވިދާޅުވެއްޖެއެވެ.

މަސައްކަތުގެ ހުނަރު ދަސްކޮށްދިނުމަށް ދިރާގުން މިދިޔަ އަހަރު ކުރިއަށްގެންދިޔަ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މަލީހު ވިދާޅުވީ ދިރާގުގެ އެޕެރެންޓިސްޝިޕް ޕްރޮގްރާމް ފުރިހަމަ ކުރާ ދަރިވަރުންގެ ތެރެއިން، 75 އިންސައްތަ ކުދިން ޒިންމާދާރު ވަޒީފާތަކުގައި އުޅޭއިރު މިއީ މިޕްރޮގްރާމް ކާމިޔާބީ ދައްކުވައިދޭ ކަމެއްކަމަށެވެ.

"ޤައުމެއް ކުރިއަރާ ދާނީ ޤައުމުގެ ޒުވާނުންނަށް ދެވޭ ތަމްރީނާއި ތަޖުރިބާއާއި އެކު.މިއީ ޒުވާނުން ބިނާ ކުރުމަށްޓަކައި ކުރެވޭ މަސައްކަތެއްކަން އަޅުގަނޑު ފާހަގަ ކޮށްލަން. ޚާއްސަ ގޮތެއްގައި މިފަދަ ބޮޑެތި ކުންފުނިތަކުން މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަކީ ރާއްޖޭގެ ތަރައްޤީއާއި މެދު އަޅުގަނޑުމެން މިކުރާ އުއްމީދުގައި ކުލަ ޖެހިގެންދާ ކަމެއްކަން އަޅުގަނޑު ފާހަގަކުރަން" މިނިސްޓަރު ވިދާޅުވިއެވެ.

ދިރާގުގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ ޢިސްމާޢިލް ރަޝީދު ވިދާޅުވީ، މިޕްރޮގްރާމް ކާމިޔާބުކަމާއެކު ކުރިއަށްދަނީ ދިރާގުގެ މުވައްޒަފުންގެ އެއްބާރުލުމާއެކު ކަމަށެވެ.

"އަޅުގަނޑުމެންގެ 9 ރީޖަނަލް އޮޕަރޭޝަން ސެންޓަރުތަކުންވެސް އެޕެރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެ. އަދި ހުރިހާ ދާއިރާއަކުންވެސް އެޕެރެންޓިސުން ނެގޭގޮތަށް އަޅުގަނޑުމެންގެ މި ޕްރޮގްރާމް ރޭވިފައި މި އޮންނަނީ. އަޅުގަނޑު އެންމެ ބޮޑަށް ފާހަގަކޮށްލާ ހިތްވާ ކަމަކީ މިއީ ދިރާގުގެ މުވައްޒަފުން ވަރަށް ބޮޑަށް ދިރާގުގެ މުވައްޒަފުން ވަރަށް ބޮޑަށް މަސްޢޫލުވެގެން. ވަރަށް ބޮޑު ޕާރޓިސިޕޭޝަންއެއް އޮވެގެން ކުރިއަށްދާ ޕްރޮގްރާމެއް" ޢިސްމާޢިލް ރަޝީދް ވިދާޅުވިއެވެ.

ހޮޓެލް ޖެންގައި ބޭއްވި ދިރާގުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި، މިޕްރޮގްރާމްގައި ބައިވެރިވި 14 ޒުވާނަކަށް ވަނީ ޕްރޮގްރާމް ފުރިހަމަކުރިކަމުގެ ލިޔުން ޙަވާލުކޮށްފައެވެ.

މާލޭގެ އިތުރުން އަތޮޅުތެރޭގައިވެސް ކުރިއަށްގެންދާ މިޕްރޮގްރާމަކީ ދިވެހި ޒުވާނުން މަސައްކަތުގެ މާޙައުލަށް އަހުލުވެރި ކުރުވުމަށާއި، ޒުވާނުންނަށް މި ދާއިރާގެ ފަންނީ ހުނަރު ދަސްކޮށްދިނުމުގެ ގޮތުން ދިރާގުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިއަށްގެންދާތާ 10 އަހަރުވެފައިވާއިރު، މިހާތަނަށް 179 ޒުވާނަކު ވަނީ މިޕްރޮގްރާމް ބައިވެރިވެ، ޓެލެކޮމިއުނިކޭޝަން ދާއިރާއިން ތަމްރީންވެފައެވެ.