ޚަބަރު

ބުރިޖުން ފީނެގުމާމެދު އަދި ގޮތެއް ނުނިންމަން - ޓްރާންސްޕޯޓް މިނިސްޓަރ


ބުރިޖުން ފީ ނެގުމާގުޅޭގޮތުން އަދި ގޮތެއް ކަނޑައަޅާފައިނުވާކަމަށް ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގައި އޮތް ނޫސްވެރިންގެ ބައްދަލުމުގެއްގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއިޝަތު ނަހުލާ ވިދާޅުވީ ބުރިޖު ޓޯލް ނެގުމާމެދު ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރަމުންދާކަމަށާއި، މިކަމުގައި އަދި ވަކިގޮތެއް ކަނޑައަޅާފައިނުވާކަމަށެވެ. ބުރިޖުން ދަތުރުކުރާ އުޅަނދުތަކުން ފީއެއް ނަގަން ނިންމި ނަމަވެސް މި ފީ ވެގެންދާނީ ރައްޔިތުންނަށް ބުރަނުވާގޮތަށް ނަގާ ފީއަކަށްކަމަށް ޓްރާންސްޕޯޓް މިނިސްޓަރ ވިދާޅުވިއެވެ.

"ޓޯލް ނެގުމާމެދު މިދަނީ މަޝްވަރާކޮށް ބަހުސްކުރަމުން، ނެގިޔަސް ނަގާނީ ކުޑަ ޓޯލްއެއް. އެއީ ބޮޑު ޓޯލް އެއް ނަގައިގެން ރައްޔިތުންނަކަށް މިކަމުގަ ދެކޮޅުޖެއްސޭނެގޮތެއް ނޯންނާނެ." ޓްރާންސްޕޯޓް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ބުރިޖުން ނަގާފާނެ ފީއަކާމެދު އާންމުންގެ ކަންބޮޑުވުންތަކެއް ހުރިކަން އެނގިވަޑައިގަންނަވާކަމަށާއި، ރައްޔިތުންގެ ޙައްޤުތައް ކަށަވަރު ކޮށްދެއްވާނެކަމަށެވެ. ސިނަމާލެ ބުރިޖުގައި ސްޕީޑް ކެމެރާ ހަރުކުރުމަށާއި، ބުރިޖުން ފީ ނަގަން ފެށުމަށް މިއަހަރުގެ ބަޖެޓްގައި 50 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.

ސެޕްޓެމްބަރު 7 ވަނަ ދުވަހު ބުރިޖު އެއްގަމު ދަތުރުފަތުރަށް ހުޅުވާލިނަމަވެސް، މިހާތަނަށް ބުރިޖު ބޭނުންކުރުމަށް އެއްވެސް ފީއެއް ނަގާފައެއް ނުވެއެވެ.