ކުޅިވަރު

ކިންގްސް ފަހު މެޗުގައި ބަލިކޮށް ޓީރެކްސް ލީގު ޗެމްޕިއަންކަން ހޯދައިފި


13ވަނަ ޤައުމީ ބާސްކެޓްބޯޅަ ލީގުގެ ފިރިހެން ޑިވިޝަންގެ ޗެންޕިއަންކަން ޓީރެކްސް ބާސްކެޓްބޯޅަ ކްލަބުން ހޯދާއިފިއެވެ.

ޓީރެކްސް އިން މި މުބާރާތުގެ ޗެންޕިއަންކަން ހޯދީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު ލީގުގެ ފަހު މެޗުގައި ކިންގްސް ބާސްކެޓްބޯޅަ ކްލަބާއި ވާދަކޮށް ހަތްދިހަ ހަތަރު ޕޮއިންޓް، ފަސްދޮޅަސް ނުވަ ޕޮއިންޓުންނެވެ.

ލީގުގެ ފުރަތަމަ ބުރުގައި މި ދެޓީމު ކުޅުނު މެޗު ކާމިޔާބުކޮށްފައިވަނީ ކިންގްސް ބާސްކެޓްބޯޅަ ކްލަބުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ މި ލީގުގައި ޓީރެކްސްގައި މޮޅު ކުޅުމެއް ދެއްކި އާމިން ޖަޒްވިންއެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދީ އާމިން ޖަޒްވިންއެވެ.

ލީގުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ސްޓިންގާސް ބާސްކެޓްބޯޅަ ކްލަބްގެ ރިލްވާން ބަކާރޭއާއި، ކިންގްސްގެ މައިކް ފޭއާއި، ރެޕްޓާސްގެ މިލޯރަޑްއާއި، ކިންގްސްގެ މުޙައްމަދު ޒިލާލްގެ އިތުރުން ރެޕްޓާސްގެ މަފާޒް މުޙައްމަދެވެ.

މިދިޔަ އަހަރުގެ ގައުމީ ލީގު ކާމިޔާބުކުރީ ކިންގްސް ބީސީންނެވެ. ޤައުމީ ބާސްކެޓްބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ލީގު ބުރުގެ ފަހު މެޗު މިރޭ ކުޅޭނެއެވެ. މެޗުގައި ވާދަކުރާނީ ސައިކްލޯން ބީސީއާއި ޖިބިއްލީ ސްޕޯޓްސް ކުލަބެވެ.