ޚަބަރު

މާލޭގައި ސްވިމިންގ ޕޫލެއް އެޅުމަށް ގިނަ ބަޔަކު ތާއީދު


އޮލިމްޕިކް ސައިޒުގެ ސްވިމިންގް ޕޫލް ކޮމްޕްލެކްސްއެއް މާލޭގައި ތަރައްޤީ ކުރުމަށް ގިނަބަޔަކު ތާއީދުކޮށް ވާހަކަދައްކައިފިއެވެ. މިކަމާ ގުޅޭގޮތުން އާންމުންގެ ޚިޔާލު ހޯދުމަށް މާލޭ ސިޓީކައުންސިލުން ވަނީ ޚާއްޞަ ބައްދަލުވުމެއް ބާއްވާފައެވެ.

މިކަމާގުޅޭގޮތުން އާންމުންގެ ޚިޔާލު ހޯދުމަށް އިސްކަންދަރު ސްކޫލްގައި ކުރިއަށްގެންދިޔަ ބައްދަލުވުމުގައި ބައިވެރިވި ގިނަ މީހުންވަނީ މާލެ ސަރަހައްދުގައި އޮލިމްޕިކް ސައިޒުގެ ސްވިމިންގް ޕޫލް ކޮމްޕްލެކްސްއެއް އެޅުމަށް ތާއީދުކޮށް ވާހަކަދައްކާފައެވެ. މިބައްދަލުވުމުގައި ބައިވެރިވި ގިނަ މީހުން ވަނީ ރާއްޖެއިން އޮލިމްޕިކް ގޭމްސްގައި ބައިވެރިވާ 2 ކުޅިވަރުގެ ތެރެއިން 1 ކުޅިވަރަކީ ފެތުން ކަމަށް ވާތީ މިކަމަށް ތައްޔާރުވުމަށް އެކަށީގެންވާ އުމްރާނީ ވަސީލަތް ރާއްޖޭގައި ހުންނަންޖެހޭކަމަށްބުނެ ޚިޔާލު ފާޅުކޮށްފައެވެ.

ސްވިމިންގ ޕޫލް އެޅުމަށް ގިނަބަޔަކު ތާއީދުކުރި ނަމަވެސް، ސްވިމިންގ ޕޫލް އަޅާނެތަނަކާމެދު ވަނީ ތަފާތު ޚިޔާލުތައް ހުށަހަޅާފައެވެ. އެގޮތުން ގިނަ މީހުންވަނީ މިފަދަ ތަނެއް އަޅާނެ އެކަށީގެންވާ ޖާގަ މާލޭގައި ނެތްކަން ފާހަގަކޮށްފައެވެ. މީގެ އިތުރުން މިފަދަ ތަނެއް ބެލެހެއްޓުމުގެ ޚަރަދަކީވެސް ބޮޑު ޚަރަދެއްކަން ފާހަގަކޮށް ބައެއް އާންމުން ވަނީ ސްވިމިންގ ޕޫލް ކޮންޕްލެކްސް ހިންގުމަށް ބޭނުންވާ ޚަރަދު އެތަނުން ލިބޭނެފަދަ ކޮމާޝަލް ޖާގަތައް އެތަނުގައި ހުންނަންޖެހޭނެކަމަށް ބުނެފައެވެ.

މިބައްދަލުވުމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މާލެ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ މިބައްދަލުވުމުގެ ސަބަބުން އާއްމުން ގެ ޚިޔާލު ލިބިއްޖެ ކަމަށާއި، އަދި ބައްދަލުވުމަށް ނާދެވޭ މީހުންގެ ޚިޔާލު ސޯޝަލް މީޑިއާ މެދުވެރިކޮށް ނުވަތަ މާލެ ސިޓީ ކައުންސިލަށް ލިޔުމުންވެސް ފޮނުވޭނެކަމަށް ސިފާ ވިދާޅުވިއެވެ.

"މުޅި ރާއްޖެއަށްވެސް މުހިއްމު އެއްޗެއް މިއީ، އެއީ ދިވެހިރާއްޖޭގައި ވަރަށް ގިނަ ފެތުންތެރިން އެބަތިބި. އަދި އަތޮޅުތެރޭގައިވެސް ވަރަށް ރަނގަޅު ކުދިން އެބަތިބި. އެހެންވީމަ އެމީހުން އޮލިމްޕިކް ގެ އެކި މުބާރާތްތަކަށް ފޮނުވާއިރު އެމީހުނަށް މޫދުގަ ފަތައިގެން މިހާ ކުޑަ ތަންކޮޅެއްގައި ފަތާފައި އިރު އިރުކޮޅާ ޓަރން ނަގާފައި 50 މީޓަރު ދިގު ތަންތަނުގައި ފަތަންވީމަ ދިމާވާނެ ހުރަސްތައް އެބަހުރި. ސްވިމިންގ ޕޫލްއަކީ ބޭނުން ތަނެއް." މާލެ ސިޓީގެ މޭޔަރ ވިދާޅުވިއެވެ.

އޮލިމްޕިކް ސައިޒުގެ ސްވިމިންގް ޕޫލް ކޮމްޕްލެކްސްއެއް މާލެ ސަރަހައްދުގައި ތަރައްޤީކުރަން ފެށުމަކީ ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. މާލެ ސިޓީ ކައުންސިލުން ބުނީ ސްވިމިންގ ޕޫލް ތަރައްޤީކުރުމާ މެދު ކުރިއަށް އޮތްތަނުގައިވެސް އާއްމުންގެ ޚިޔާލުހޯދައި، ވީހާވެސް އަވަހަށް މި މަސައްކަތް ފެށާނެކަމަށެވެ.