ޚަބަރު

މެރިކަލްޗަރ ތަމްރީން ސެންޓަރު ދޮޅު އަހަރުތެރޭގައި ހުޅުވޭނެ - މިނިސްޓަރ


ކ. މަނިއަފުށީގައި ތަރައްޤީކުރާ މަސްވެރިކަމާބެހޭ ތަމްރީން ސެންޓަރު ދޮޅު އަހަރު ދުވަހުގެ ތެރޭގައި ނިންމައި، އެތަނުން ތަމްރީނުދޭން ފަށާނެކަމަށް ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

ގެމަނަފުށީގައި ބޭއްވި މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު ވަނީ މަސްވެރިކަމުގެ ދާއިރާއަށް ކުރިމަތިވާ ގޮންޖެހުންތަކާއި، މިކަންކަން ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކާގުޅޭގޮތުން ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން ރާއްޖެއަށް ތަފާތު ބާވަތްތަކުގެ މަސްވެރިކަން ތަޢާރަފްކޮށް، އެ ސިނާއަތް ފުޅާކުރައްވާނެކަމަށް މިނިސްޓަރވިދާޅުވިއެވެ.

މިދާއިރާއިން މީހުން ޓްރެއިން ކުރުމަށް ޚާއްޞަ އިސްކަމެއްދެއްވާކަމަށާއި، މިކަމަށް ޚާއްޞަ ސެންޓަރެއް ކ. މަނިއަފުށީގައި ތަރައްޤީކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ރާއްޖޭގައި މެރިކަލްޗަރ ސިނާއަތެއް ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތުގެ ތެރޭގައި ކ. މަނިއަފުށީގައި ތަފާތު ބާވަތުގެ މަސް ވިއްސާ އާލާކުރުމުގެ މަސައްކަތް ދަސްކޮށްދޭނެ ތަމްރީން ސެންޓަރެއް ހެދުމުގެ މަސައްކަތް މިދަނީ ކުރަންމުން. އިރާދަކުރެއްވިއްޔާ މިމަސައްކަތް ދޮޅު އަހަރުގެ ތެރޭގައި ނިމި މިސެންޓަރުން ތަމްރީން ދެވެން ފަށާނެ. އަޅުގަނޑުގެ އަމާޒަކީ އަވަސް މުއްދަތެއްގައި މަސްވެރިކަމުގެ ޤާނޫނީ އޮނިގަނޑު މުރާޖާކޮށް، ޒަމާނީ މަސްވެރިކަމަށް، އަދި މެރިކަލްޗަރ ސިނާއަތެއް ޤާއިމްކުރުމަށްޓަކާއި ބޭނުންވާ ޤާނޫނީ އޮނިގަނޑު އެކުލަވާލުން. މިކަމަށް މިހާރުވެސް ގިނަ މަސައްކަތް ތަކެއް ކުރެވި މަސްވެރިކަމުގެ ބިލެއް އެކުލަވާލެވި އެޓާރނީ ޖެނެރަލް އޮފީހަށް ވަނީ ހުށަހެޅިފައި" ފިޝަރީޒް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އެންވެރިކަން ކުރުމަށް ހުރި ގޮންޖެހުންތައް ހައްލުކުރުމަށް އެންވެރިކަން ވަކި މަސްވެރިކަމެއްގެ ގޮތުގައި ކުރުމާއި، އާންމުކޮށް ބޭނުންކުރާ އެން ކަލްޗަރކުރުމަކީ މުހިންމު ކަމެއްކަމަށެވެ.

މިނިސްޓަރ ޒަހާ ވިދާޅުވީ އެމުގެ ދަތިކަން ހައްލުކުރުމަށް އެން ދިގުމުއްދަތައް ދިރުވާފައި ބެހެއްޓޭނެ ގޮތްތަކެއް ހޯދަން ޖެހޭކަމަށެވެ. އަދި އެން ބޭނުންކުރެވޭ އަދަދު އިޤްތިޞާދުކޮށް، މިކަމަށް މަސްވެރިން ތަމްރީން ކުރުމުގެ ޕްރޮގްރާމްތައް މަސްވެރިކަމާބެހޭ ތަމްރީނު ސެންޓަރުގައި ހިންގުމަށް ރާވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.