ޚަބަރު

ކުރެއްދޫ އައިލެންޑް ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި


ޅ. އަތޮޅުގައި ހިންގަމުންދާ ކުރެއްދޫ އައިލެންޑް ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ، ރޭ ދަންވަރު 12:48 އެހާކަންހާއިރު އެ ރިސޯޓްގެ ގިފްޓް ޝޮޕް ގުދަނުގައިކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ. މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށް ލިބުމާއެކު އަލިފާންގަޑު ކޮންޓްރޯލްކުރުމުގެ މަސައްކަތް ފެށިކަމަށާއި، ރޯވި އަލިފާން އެއްކޮށް ކޮންޓްރޯލް ކުރެވިފައިވަނީ ރޭ ފަތިހު 4 ޖަހާއެހާކަންހާއިރުކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާއިރު އަލިފާން ރޯވި ގުދަނާއި ގުދަނުގައި ހުރި މުދަލަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައެވެ. މި ޙާދިސާ ހިނގަން މެދުވެރިވި ސަބަބުން އަދި ހާމަކޮށްފައެއް ނުވެއެވެ.