ޚަބަރު

ދޮޅު އަހަރުގެ ތެރޭގައި މިފްކޯ އަކީ ފައިދާވާ ކުންފުންޏަކަށް ހަދާނަން - ރައީސް


ކުރިއަށް އޮތް ދޮޅު އަހަރުގެ ތެރޭގައި މިފްކޯއަކީ ފައިދާވާ ކުންފުންޏަކަށް ސަރުކާރު ހަދާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ރާއްޖޭގެ މަސްވެރިންނަށް ދެއްވައިފިއެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ގއ. ގެމަނަފުށީގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަސްވެރިންނަށް ރަނގަޅު އަގެއް ދިނުމަށް މިފްކޯއިން އަންނަނީ ގެއްލުމުގައިވެސް އެ ކުންފުނި ހިންގަމުން ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކުންފުނީގެ ޙާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ޞާލިޙު ވިދާޅުވީ ގެއްލުމުގައި ހިންގާ ކުންފުންޏެއްގެ ގޮތުގައި މިފްކޯ އަބަދަކު ނުހިންގޭނެ ކަމަށެވެ. އަދި އެއީ މަސްވެރިކަމުގެ ސިނާޢަތަށް އެންމެ މަންފާހުރި ގޮތެއްވެސް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ވިދާޅުވިއެވެ.

"މި ސަރުކާރުގެ އަމާޒަކީ މިފްކޯއަކީ ފައިދާއާ އެކު ހިނގާ ކުންފުންޏަކަށް ބަދަލު ކުރުން. އަޅުގަނޑުމެން މިދަނީ އެކަމުގެ މަޝްވަރާތައް ކުރަމުން. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި މިފްކޯއަކީ ފައިދާ ކުންފުންޏެއްގެ ގޮތުގައި އަޅުގަނޑުމެން ހަދާނަން،" ރައީސް ވިދާޅުވިއެވެ.

މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މަސްވެރިން ކިރުވާ މަހަށް ފައިސާ ލިބިގެން ނުދާކަމަށެވެ. ކްރެޑިޓަށް މަސް ނެގުން ހުއްޓާލައި ވަގުތުން ފައިސާ ލިބޭނެ އިންތިޒާމެއް ހަމަޖެހެންޖެހޭ ކަމަށް ޤަބޫލުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެކަމަށްޓަކައި މިފްކޯގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަޖެހޭ ކަމަށާއި އެގޮތުން އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވުމަށް މިފްކޯއިން އިތުރު އިންވެސްޓްމަންޓުތަކެއް ގެންނަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

"ސަރުކާރުގެ މަސް ކުންފުނިތަކުން މަސްވެރިންނަށް ދޭންޖެހޭ 68 މިލިއަން ރުފިޔާ އިއްޔެ ވަނީ މަސްވެރިންނަށް ފިނޭންސް މިނިސްޓްރީން ދޫކޮށްފައި. އަޅުގަނޑު އުއްމީދު ކުރަނީ، ކުރިއަށް މިއޮތް ދެތިން ދުވަހެއްގެ ތެރޭގައި މަސްވެރިންނަށް އެ ފައިސާ ލިބޭނެ ކަމަށް. ހަމައެއާއެކު ބައިނަލްއަޤްވާމީ ބާޒާރުގައި ރާއްޖޭގެ މަހަށް މިހާރަށްވުރެ ރަނގަޅު އަގެއް ހޯދުމަކީ ވެސް މި ސަރުކާރުން ކުރަން ނިންމާފައިވާ ވަރަށް މުހިއްމު ކަމެއް. އަވަށްޓެރި ބައެއް ޤައުމުތަކުން އެއްވެސް ޑިއުޓީއެއް ނެތި މަސް ބޭރު ކުރަމުންދާއިރު އަޅުގަނޑުމެންނަށް މަސްބޭރު ކުރެވެނީ 22 ޕަސެންޓުގެ ޑިއުޓީއަކާއި އެކު. މިއީ ރާއްޖެ ފަދަ ނާޒުކު އިޤްތިޞާދަކަށް ތަޙައްމަލު ކުރެވޭ ވަރަށް ވުރެ ބޮޑު ބުރައެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިޙު ވިދާޅުވީ ރާއްޖެއިން ބޭރަށް މަސް އެކްސްޕޯޓު ކުރާއިރު މިހާރު ނަގާ ޑިއުޓީ ކަނޑާލުމަކީ އުނދަގޫ ކަމެއް ނޫން ކަމަށާއި ނަމަވެސް އެކަން ކުރެވޭނީ ބައިނަލްއަޤްވާމީ މުޖުތަމަޢުއާ ވަރަށް ބޮޑަށް ގުޅުން ބަދަހިކޮށްގެން ކަމަށެވެ. އެގޮތުން މިވަގުތަށް އޮތް އެންމެ އެކަށޭނެ ޙައްލަކީ މިހާރުވެސް ރާއްޖޭގެ މަސް އެކްސްޕޯޓު ކުރާ އިނގިރޭސިވިލާތާއި ޔޫރަޕްގެ އިއްތިޙާދާއި އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމް ކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.