ޚަބަރު

ނާއިބު ރައީސް އައްޑޫ ސިޓީގެ ހުރިހާ ރަށެއްގެ ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ ޙާލަތު ބައްލަވާލައްވައިފި


ރައީސުލްޖުމުހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް އައްޑޫ ސިޓީގައި ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ ޙާލަތު ބައްލަވާލައްވައިފިއެވެ.

ނާއިބް ރައީސް އައްޑޫ ސިޓީގެ ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ ޙާލަތު ބައްލަވާލައްވާފައިވަނީ، އައްޑޫ ސިޓީއަށް މިއަދު ކުރެއްވި ދަތުރުފުޅުގައެވެ. މި ދަތުރުފުޅުގައި ނާއިބް ރައީސް ވަނީ ހުޅުމީދޫއަށް ވަޑައިގެން އެރަށުގެ ހެލްތް ސެންޓަރަށް ޒިޔާރަތްކުރައްވައި، އެތަނުގައިތިބި ބަލި މީހުންގެ ހާލު ބައްލަވާލައްވައި، ޚިދުމަތްދިނުމުގައި ހުރި ދަތިތަކާއި ގޮންޖެހުންތަކާ ގުޅޭގޮތުން މަޢުލޫމާތު އޮޅުންފިލުއްވާފައެވެ. އަދި އެތަނުގެ މުވައްޒަފުންނާއި އިސްވެރިންނާއި ބައްދަލުކުރައްވައި ހުރި ދަތިތައްވެސް އެމަނިކުފާނުވަނީ އޮޅުންފިލުއްވާފައެވެ.

ހުޅުމީދޫ ހެލްތް ސެންޓަރުގެ އިތުރުން، ނައިބު ރައީސް ވަނީ ފޭދޫ ހެލްތް ސެންޓަރާއި މަރަދޫ ސިއްޙީ މަރުކަޒާއި ހިތަދޫ ރީޖިނަލް ހޮސްޕިޓަލުގެ އިތުރުން މަރަދޫ ފޭދޫ ދަމަނަވެއްޓަށް ވެސް ޒިޔާރަތް ކުރައްވާފައެވެ. މީގެ އިތުރުން އައްޑޫ ސިޓީގައި ތަރައްޤީކުރާ ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތް ކުރިޔަށްދާ ގޮތް ވެސް ނާއިބްރައީސް ވަނީ ބައްލަވާލައްވާފައެވެ.

ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ އިތުރުން، ނައިބު ރައީސްވަނީ ހިތަދޫ ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރަށާއި ހިތަދޫ އާފްޓަރ ކެއަރ ރިހެބިލިޓޭޝަން ސެންޓަރަށް ވަޑައިގެން އެތަންތަނުގެ ޙާލަތުވެސް ބައްލަވާލައްވާފައެވެ. އަދި އައްޑޫ ސިޓީ ކައުންސިލަށް ޒިޔާރަތްކުރައްވައި، ކައުންސިލްގެ މެންބަރުންނާވެސް އެމަނިކުފާނު ވަނީ ބައްދަލުކުރައްވާފައެވެ.

ނައިބު ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސަރވިސް ޝިދާތާ ޝަރީފާއި, އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައިޝަތު ރަޝީދުގެ އިތުރުން، ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. ޝާހް ޢަބްދުﷲ މާހިރު ބައިވެރިވެ ވަޑައިގެންފައިވެއެވެ.