ޚަބަރު

އިސް ރަށްވެހިންނާއެކު ޕެންޝަން އޮފީސް ޕްރޮގްރާމް ކުޅުދުއްފުށީގައި ބާއްވައިފި


އިސްރަށްވެހިންނަށް އަމާޒުކޮށްގެން ޕެންޝަން އޮފީހުން ތައާރަފުކޮށްފައިވާ “އިސްރަށްވެހިންނާއެކު ޕެންޝަން އޮފީސް” ޕްރޮގްރާމް ކުޅުދުއްފުށީގައި ބާއްވައިފިއެވެ. މިޕްރޮގްރާމް އޮތީ ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލުގައެވެ.

މިޕްރޮގްރާމަކީ ބައިނަލްއަޤްވާމީ އުމުރުން ދުވަސްވީި މީހުންގެ ދުވަހާ ގުޅުވައިގެން، އުމުރުން ދުވަސްވީ މީހުންގެ ހައްޤުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރުމަށާއި، އެފަރާތްތަކަށް ދިމާވާ ތަފާތު ގޮންޖެހުންތައް ހައްލުކުރުމަށް އެހީތެރިވެދީ، މިނިވަންކަމާއެކު، ދުޅަހެޔޮކަންމަތީ ދިރިއުޅުމަށް މަސައްކަތް ކުރުމަށް ހިތްވަރުދީ އެހީތެރިވުމުގެގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އަދި މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އިސްރަށްވެހިންނާ ބައްދަލުކޮށް، ޕެންޝަން އޮފީހުން އެފަރާތްތަކަށް ފޯރުކޮށްދެމުންދާ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރެވެން ހުރި ކަންކަން ދެނެގަނެ އެކަމަށް މައްސައްކަތް ކުރުމުގެ މަޤްސަދުގައި ހިންގާ ޕްރޮގްރާމެއްކަމަށްވެސް ޕެންޝަން އޮފީހުން ބުނެއެވެ.

މި ޕްރޮގްރާމުގެ ދަށުން މިއަދު ކުޅުދުއްފުށީގައި ކުރިއަށްގެންދިޔަ ޕްރޮގްރާމްގައި، ރަށުގައި ދިރިއުޅޭ އިސްރަށްވެހިންނަށް އުފާވެރި މާހައުލެއްގައި ދުވަސްވީ ރަހްމަތްތެރިންނާއި ބައްދަލުވުމުގެ ފުރުސަތު ހޯދައިދިނުމާއި، ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަންމަތީ ދެމިތިބުމަށް ކުރެވެން ހުރި ކަންކަމާއި، މުޖުތަމައުގައި ހަރަކާތްތެރިވެ އުޅުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މައުލޫމާތު ދީ މިކަންކަމާ ގުޅޭގޮތުން ހިޔާލު ބަދަލުކޮށް މަޝްވަރާ ކޮށްފައިވެއެވެ.

މި ރަސްމިއްޔާތުގައި ކުޅުދުއްފުށީ ކައުންސިލްގެ މެންބަރުންނާއި ޕެންޝަން އޮފީހުގެ އިސްބޭފުޅުންގެ އިތުރުން ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ގިނަ އަދަދެއްގެ އިސް ރައްވެހިން ބައިވެރިވިއެވެ. މި ރަސްމިއްޔާތުގައި، ރިޓަޔަމަންޓަށްފަހު މުޖްތަމައުގެ ކަންކަމުގައި ބައިވެރިވުމުގެ މުހިންމުކަމާ ބެހޭގޮތުންވެސް ވަނީ އިސް ރައްވެހިންނަށް މައުލޫމާތު ދީފައެވެ. މީގެ އިތުރުން ވަޒީފާއިން ރިޓަޔަރ ކުރިކަމުގައިވިއަސް ހެލިފެލިވެ އުޅުމާއި މަސައްކަތް ކުރެވޭވަރުގެ ސިއްހަތެއްގައި ހުރިނަމަ މަސައްކަތް ކުރުމުގެ މުހިންމުކަމާ ބެހޭގޮތުން މައުލޫމާތުދީފައިވެއެވެ. އަދި ކުޅުދުއްފުށީގެ އިސް ރައްވެހިންގެ ތެރެއިން ކުރިން ވަޒީފާގައި އުޅެ ރިޓަޔަރ ކޮއްފައިވާ އަދި މިހާރުވެސް ހަރަކާތްތެރިކަމާއެކު ދިރިއުޅެމުންދާ ބައެއް ފަރާތްތަކުގެ ޕްރޮފައިލް ޕްރެޒެންޓޭޝަން ދައްކާފައިވެއެވެ. އަދި ކުޅުދުއްފުށީގެ އެންމެ އުމުރުން ދުވަސްވީ ޕެންޝަނަރާއި ބެހޭ ވީޑިއޯ ޕްރޮފައިލެއް ދައްކާ އެފަރާތުގެ އާއިލާއަށް ގިފްޓް ވައުޗައެއްވެސް ދީފައިވެއެވެ،

މީގެ އިތުރުން ޕެންޝަން އޮފީހާއި ދިވެހި ރެޑްކުރެސެންޓް ގުޅިގެން ހިންގާ ހާއްޞަ ޕްރޮގްރާމް މަދަދު ޕްރޮގްރާމް ވެސް ވަނީ އިފްތިތާހުކޮށްފައެވެ.