ޚަބަރު

ޤައުމީ ވެކްސިން ތާވަލަށް ވެކްސިނެއް އިތުރުކޮށްފި


ޤައުމީ ވެކްސިން ތާވަލަށް ވެކްސިނެއް އިތުރުކޮށްފިއެވެ.

މިއަދުން ފެށިގެން ރާއްޖޭގެ ހުރިހާ ރަށެއްގައި ދޭންފަށާ މިވެކްސިނަކީ ޑިޕްޓީރިއާ، ޕަރޓޫސިސް، ޓެޓްނަސް ނުވަތަ ޑީ.ޕީ.ޓީ ވެކްސިންގެ އިތުރު ޑޯޒެކެވެ. މިވެކްސިނަކީ ކަރުފޮޅު، ހޯއްގޮވާ ކެއްސުން އަދި އިދިފުށައްދަމާ ބަލިން ސަލާމަތްވުމަށް ދިފާޢީ ނިޒާމު ވަރުގަދަކުރުމަށް ދެވޭ ޚާއްސަ ވެކްސިނެކެވެ.

މީގެކުރިންވެސް ޑީ.ޕީ.ޓީ ޢުމުރުން 2 މަހާއި 4 މަހާއި ދެމެދުގެ ކުދިންނަށް ދެމުންއައިނަމަވެސް މިވެކްސިންގެ ބާރު ކުއްޖާ ބޮޑުވަމުން އަންނަ ވަރަކަށް ދަށްވަމުންދަތީ މިފަދަ ނުރައްކާތެރިބަލިތަކުން ކުދިން ރައްކާތެރިކުރުމަށް ޑި.ޕީ.ޓީގެ ބޫސްޓަރ ވެކްސިން ތާވަލަށް އިތުރުކޮށް ތުއްތުކުދިންނަށް މިވެކްސިން ދޭން ފެށުމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ ޑަބްލިއު.އެޗް.އޯއިން ލަފާދީފައިވާކަމަށް ހެލްތް މިނިސްޓްރީން މަޢުލޫމާތުދެއެވެ.

މިވެކްސިން ރާއްޖެއަށް ތަޢާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޒުހެއިރު ވިދާޅުވީ މިއީ ރާއްޖޭގެ ވެކްސިން ތާވަލަށް އިތުރުކުރެވުނު މުހިއްމު ވެކްސިނެއްކަމަށާއި މިސަރަޙައްދުން ފެންނަ ނުރައްކާތެރި މިފަދަ ބަލިތަކުން ތުއްތުކުދިން ރައްކާތެރިކުރުމަކީ އިސްކަމެއް ދީގެން ކުރަންޖެހޭކަމެއްކަމަށެވެ.

މިއަހަރުގެ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހަށް 4 އަހަރު ފުރޭ ކޮންމެ ކުއްޖަކަށް ޑީ.ޕީ.ޓީ ބޫސްޓަރ ވެކްސިން ޖެހޭނެ އިންތިޒާމް ކޮންމެ ރަށެއްގެ ވެސް ވެކްސިން ދިނުމަށް ކަނޑައަޅާފައިވާ މަރުކަޒުން މިހާރު ހަމަޖެހިފައިވާކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.