ކުޅިވަރު

ދެވަނަ ބުރުން ޖާގަ ހޯދުމަކީ މިދިޔަ 4 އަހަރު ލިބުނު އެންމެ ބޮޑު ކާމިޔާބީ - ޕޮޗެޓީނޯ


ޗެމްޕިއަންސް ލީގުގެ ދެވަނަބުރުން ޖާގަ ލިބުމަކީ ފާއިތުވި ހަތަރު އަހަރެއްހާ ދުވަހުގެ ހާސިލް ކުރެވުނު އެންމެ ހާއްސަ އެއް ކާމިޔާބީ ކަމަށް ޓޮޓްނަމްގެ ކޯޗް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ.

ރޭ ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބާސާއާއި ވާދަކޮށް އެއްވަރުވި މެޗަށްފަހު ވާހަކަދައްކަމުން ޓޮޓްނަމްގެ ކޯޗް ޕޮޗެޓީނޯ ބުނީ، ޗެމްޕިއަންސް ލީގުގެ ފުރަތަމަ ތިން މެޗުން ލިބުނު ނަތީޖާގެ ސަބަބުން، ދެވަނަބުރުން ޖާގަ ހޯދޭނެ ކަމާއިމެދު ގިނަ ބަޔަކު ސުވާލު އުފެއްދި ކަމަށާއި، ނަމަވެސް މިއީ ޓީމުގެ ކުޅުންތެރިން ގަދައަޅާ ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.

އޭނާ ބުނީ، މެޗުގައި ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް އޭނާގެ ޓީމަށް ލިބުނު ކަމަށާއި، ނަމަވެސް ދެވަނަ ބުރުން ޖާގަ ލިބުމުން، ޝަކުވާތަކެއް ކުރަން ބޭނުން ނޫން ކަމަށެވެ.

ބާސާގެ ދަނޑުގައި ކުޅުނު މިމެޗު އެއްވަރުވީ 1-1ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ބާސާއިންނެވެ. މިލަނޑު ހަތްވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އޮސްމާން ޑެމްބެލޭއެވެ. ޓޮޓްންހަމްއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އަށްޑިހަ ފަސްވަނަ މިނެޓުގައި، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ލޫކަސް މޯރާއެވެ.

ޓޮޓްނަމަށް ދެވަނަ ބުރުގެ ޖާގައެއް ލިބުނީ މިގްރޫޕްގެ އަނެއް މެޗުގައި އިންޓަރ މިލާނަށް ޕީއެސްވީ އަތުން މޮޅުނުވެވުމުންނެވެ. މި މެޗުވެސް ނިމުނީ އެކެއް އެކަކުން އެއްވަރުވެގެންނެވެ.

މިނަތީޖާ އާއިއެކު ގްރޫޕް ބީގެ އެއްވަނަ ބާސެލޯނާ ހޯދިއިރު، ދެވަނަ ލިބުނީ ޓޮޓްނަމަށެވެ. ޓޮޓްނަމާއި ތިންވަނާގައި އޮތް އިންޓަ މިލާނަށްވެސް ލިބެނީ އަށް ޕޮއިންޓެވެ. ނަމަވެސް ޓޮޓްނަމަށް ދެވަނަބުރުން ޖާގަ ލިބުނީ ފައިދާ ގޯލުގެ ތަފާތުންނެވެ.