ޚަބަރު

ޕްރައިމަރީގައި ބަލިވާ ކެންޑިޑޭޓުންނަށް އިންތިޚާބުތަކުގައި ބައިވެރިވެވޭނެ ގޮތްހެދުމަށް އެމްޑީޕީން ދެކޮޅު


ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީގައި ވާދަކޮށް، ބަލިވާ ކެނޑިޑޭޓުން އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން ޕާޓީއެއްގެ ޓިކެޓްގައި އިންތިޚާބުގައި ވާދަކުރެވޭގޮތަށް ހުށައެޅި އިޞްލާހަށް ގިނަ މެންބަރުން ދެކޮޅުހަދާ ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކޮށްފިއެވެ.

ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަތީފު މުޙައްމަދު ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ހުށައެޅި އިސްލާހަކީ، ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީގައި ވާދަކޮށް، ބަލިވާ ކެނޑިޑޭޓުން އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން ޕާޓީއެއްގެ ޓިކެޓްގައި އިންތިޚާބުގައި ވާދަނުކުރެވޭ ގޮތަށް އޮތް އޮތުން އުވާލުމަށް ހުށައެޅި އިސްލާހެކެވެ. 23 ނޮވެމްބަރ 2016ގައި ސިޔާސީ ޕާޓިތަކުގެ ޤާނޫނަށް ހުށައަޅާ މަޖިލީހުން ފާސްކޮށްފައިވާ އިސްލާޙުގައި ބުނެފައިވަނީ، ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީގައި ވާދަކޮށްފައިވާ ކެނޑިޑޭޓަކު އެހެން ހައިސިއްޔަތަކުން އިންތިޚާބުގައި ވާދަ ނުކުރެވޭނެކަމަށެވެ. ޢަބްދުއްލަޠީފް ހިމެނޭގޮތަށް ޕީޕީއެމްގެ ގިނަ މެންބަރުންގެ ތާޢީދާއެކު ފާސްކުރި މި އިސްލާޙަށް އެމްޑީޕީގެ މެންބަރުން ކުރިން ދެކޮޅު ހެދިއެވެ.

ނަމަވެސް އެ އިޞްލާޙު ބާޠިލުކުރުމަށް ޢަބްދުއްލަޠިފް ހުށައެޅި އިސްލާހަށް ވާހަކަދެއްކި އެމްޑީޕީގެ މެންބަރުން ވިދާޅުވީ، ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީން ފެއިލްވުމުން އަލުން އެ އިންތިޚާބެއްގައި ވާދަކޮށްފިނަމަ އެ ޕާޓީއަކަށް އެ ދާއިރާގެ އިންތިޚާބު ކާމިޔާބުކުރުމަށް ހުރަސްއެޅޭ ކަމަށެވެ. އަދި އެއީ ޕާޓީގެ ޑިމޮކްރަސީއާއި ޤައުމުގެ ޑިމޮކްރަސީ ހަރުދަނާކުރުމަށް ކުރާ މަސައްކަތްތަކަށް ގެއްލުންހުރި ކަމެއްކަމަށްވެސް އެމްޑީޕީގެ މެންބަރުން ވިދާޅުވިއެވެ.

"ޕްރައިމަރީގައި ޕާޓިގެ ޓިކެޓް ނުލިބިއްޖާ ޕްރައިމަރީޫގައި އެ ގޮނޑި ހޯދާމީހާގެ ފަހަތަށް އރަންޖެހޭނެ. އެހެންނޫނީ ޕާޓީއަށް އިންތިޚާބުގެ ގޮނޑި ގެއްލުވާލާނެ އިއްޒަތްތެރި ރައީސް. އެމްޑީޕީގެ ތެރޭގައި އިސްލާހަށް ތާއީދކުރާ މީހުންގެ ވޯޓުތައް ބައިބައިވެގެންގޮސް ޕްރައިމަރީން ވާދަކޮށް ގެއްލޭ މީހާ އަލުން ވާދަކުރަން އިންތިޚާބަށް ނިކުމެއްޖެއްޔާ ޕާޓިން އެ ގޮނޑިނަގަން ބޭޏުންވާ ޢަދަދު ގެއްލި ޕާޓީއަށް ގެއްލޭނެ. ހަރުދަނާ ގޮތަކީ ޕްރައިމަރީގައި ޓިކެޓް ނުލިބިއްޖާ ޕްރައިމަރީން ޓިކެޓް ލިބުނުމީހާގެ ފަހަތަށް ޕާޓިގެ އެންމެން އެއީ ވާދަކުރިން މީހުންވެސް އެރުންކަންނެ އެންމެ ހަރުދަނާގޮތަކީ." ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ވިދާޅުވި.

އެމްޑީޕީގެ މެންބަރުން އެ އިސްލާހާ ދެކޮޅަށް ވާހަދެއްކުމުން އެއަށް ރައްދުދެއްވަމުން ޢަބްދުއްލަޠީފް މުޙައްމަދު ވިދާޅުވީ، ކުރިން އިސްލާހު ފާސްކުރިއިރު އެއީ ޤާނޫނާ ޚިލާފު އިސްލާހެއްކަމަށް އެމްޑީޕީން ވާހަކަ ދައްކަމުން ދިޔަކަމަށާއި، މިއަދު އެ އިސްލާހު އޮންނަންޖެހޭކަމަށް ވާހަކަދެއްކުމަކީ އެމްޑީޕީގެ ޑިމޮކްރަސީ ހަރަދަނާ ނޫންކަން ހާމަވާކަމެއްކަމަށެވެ.

"އެމްޑީޕީގެ ޑިމޮކްރަސީ އެބޭފުޅުންބޭނުންވާގޮތް ހުރިހާކަމެއް ބައްޓަންކުރެވުނީމާ އެއީ ޑިމޮކްރަސީ. އެއީ ވަރަށް ރީތި ޑިމޮކްރަސީއެއް. ދެން އެހެން މެންބަރުންނަކީ އަދި ޕާޓީތަކަކީ ވިޔާނުދާ އުސޫލެްއް ހަމައެއްނެތް. އެއިރު އެމީހުން ބުނަމުންދިޔައީ އެ އިސްލާޙު ޤާނޫނު އަސާސީއާ ޚިލާފޭ. އެކަމު މިއަދު އެ އިސްލާހު ކަމުގޮއްސި. ބާރުލިބޭ ދުވަހު ބާޠިލްކުރާނެކަމަށް އިސްލާޙު ކުރާނެކަމަށް ބުނި. ބަލަ ބާރު ލިބިއްޖެ. އަކަމު ތާއީދުކުރަން ބޭނުންމެއްނޫން. އެހެންވެ އެމްޑީޕީން ގެންގުޅޭ ޑިމޮކްރަސީޢާއި އެހެން ޕާޓީތަކުގެ ޑިމޮކްރަސީ ތަފާތުކުރަނީހޭ."

ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ހުށައަޅާ ފާސްކޮށްފައިވާ އިސްލާޙުގައި ބަޔާންކޮށްފައިވަނީ، ސިޔާސީ ޕާޓީއެއްގެ ޓިކެޓް ހޯދުމަށް އެ ޕާޓީގެ ޕްރައިމަރީގައި ޗާދަކޮށް މެންބަރަކު، އެ އިންތިޚާބެއްގައި އެހެން އެއްވެސް ހައިސިއްޔަތަކުން ވާދަކޮށްގެން ނުވާނެކަމަށް. އަދި އެމީހެއްގެ ކެނޑިޑެންސީ އިލެކްޝަންސް ކޮމިޝަނުން ބާޠިލުކުރަންވާނެކަމަށް ބަޔާންކޮށްފައިވޭ.