ވިޔަފާރި

އައްމާންގައި އުޅޭ ރެފިއުޖީން އުފައްދާ ތަކެތި ވިއްކުމަށް ޚާއްސަ ބާޒާރެއް


އެކި މައްސަލަތަކުގެ ސަބަބުން ރެފިއުޖީންގެ ގޮތުގައި ޤައުމުތަކުގައި ދިރިއުޅޭ މީހުންނަކީ އާއްމު ދިިރިއުޅުން އުޅެމުންދާ ފަރާތްތަކަށްވުރެ ދަތި ހާލުގައި އުޅޭ ބައެކެވެ. އެހެންކަމުން ޒަރޫރީ ބޭނުންތަކާއި އެހެނިހެން ކަންކަން ފުރިހަމަކުރުމަށް އާމްދަނީ ހޯދުމަށް ތަފާތު މަސައްކަތްތައް ރެފިއުޖީން ކުރެއެވެ. މިގޮތުން ރެފިއުޖީންނަށް، އެމީހުން އަމިއްލަ އުފެއްދުންތައް ވިއްކުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން އުރުދުންގެ ވެރިރަށް އައްމާންގައި ހާއްސަ ބާޒާރެއް ވަނީ ހުޅުވާފައެވެ.

އދގެ ރެފިއުޖީންނާބެހޭ އިދާރާއިން އިންތިޒާމްކޮށްގެން އުރުދުންގެ ވެރިރަށް އައްމާންގެ އަންގާރަދުވަހުން ބުރާސްފަތިދުވަހަށް ކުރިޔަށް ގެންދާ މި ބާޒާރަކީ އާދައިގެ ބާޒާރެއް ނޫނެވެ. މިއީ އުރުދުންއަށް ސޫރިޔާ، އިރާޤު، ސޯމާލިޔާ އަދި ސޫދާންފަދަ ޤައުމުތަކުން އައިސް އުޅޭ ރެފިއުޖީންނަށް އެމީހުންގެ އުފެއްދުންތައް ވިއްކުމަށް ފިނި މޫސުމާއި ދިމާކޮށް ކުރިޔަށް ގެންދާ ބާޒާރެކެވެ.

ސަތޭކައެއްހާ ރެފިއުޖީންގެ އުފެއްދުންތަކާއިއެކު 35 ސްޓޯލެއް ހިމެނޭ މި ބާޒާރުގައި ވިއްކާ ތަކެތިން ލިބޭ ފައިސާއަކީ މިރެފިއުޖީން ފިނި މޫސުމުގައި އަމިއްލަ އާއިލާތަކަށް ހަރަދުކުރުމަށް އާމްދަނީ ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އދގެ ރެފިއުޖީ އެޖެންސީން އިންތިޒާމްކުރި ހަރަކާތެކެވެ.

މިތަނުގައި ރެފިއުޖީން އަމިއްލަ އަތުން ތައްޔާރުކޮށްފައިވާ ތަފާތު ތަކެތި ވިއްކަމުންދެއެވެ. އޭގެތެރޭގައި ހެދުމާއި، ގަހަނާ، ސައިބޯނި، ސެންޓު، މެޓާ، ކާބޯތަކެތި އަދި އެހެނިހެން ތަކެތި ހިމެނެއެވެ.

އަމޭރް ޖޯކާދާރަކީ ސީރިޔާއަށް ނިސްބަތްވާ ކުރެހުންތެރިއެކެވެ. ޖޯކާދާރީއަކީ ވޭތުވެދިޔަ ފަސް އަހަރު އުރުދުންގެ ޒައަތާރީ ރެފިއުޖީ ކޭމްޕުގައި ދިރިއުޅެމުން އަންނަ މީހެކެވެ. އޭނާ ބުނީ އޭނާގެ ކުރެހުންތަކުން ދައްކުވައިދޭނީ ހަނގުރާމައިގެ ސަބަބުން ސޫރިޔާގައި ދިރިއުޅޭ ކުޑަކުދިންގެ ދިރިއުޅުމަށް ކުރަމުންދާ އަސަރުކަމަށެވެ.

"މިއީ އަހަރެން މިފަދަ ބާޒާރެއްގައި ބައިވެރިވާ ހަތަރު ވަނަ ފަހަރު. މިތަންތަނުން ތަކެތި ވިއްކަގެން އަހަރެންނަށް، އަހަރެންގެ ދަރިންނާއި އާއިލާޔަށް ފިނި މޫސުމުގައި ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށް ފައިސާ ހޯދޭ." އަމޭރް ޖޯކާދާރު ބުންޏެވެ.

މިބާޒާރުގައި ތަކެތި ވިއްކާ ގިނަ ރެފިއުޖީން ބުނާގޮތުގައި މިއީ އެމީހުންނަށް ފިނި މޫސުމުގައި އާއިލާތަކަށް ހަރަދުކުރުމަށް ފައިސާ ހޯދޭނެ ފަސޭހަ މަގުފަހިކޮށްދޭ ހަރަކާތެކެވެ. އަދި މިފަދަ ބާޒާރެއް އިންތިޒާމްކުރުމުން އެމީހުންގެ އުފެއްދުންތައް ވިއްކުމަށް ފަސޭހަވެ، ގިނަ ކަސްޓަމަރުންނަށް ތަކެތި ތަކެތި ފޯރުކޮށްދިނުމަށް ފަސޭހަވެގެންދާކަމަށެވެ.