ދީން

ޒަކާތާ ބެހޭ ޤާނޫނުގެ ބޭނުމަކީ ބަޔަކަށް ބިރުދެއްކުމެއްނޫން


އަލަށް އެކުލަވާލެވޭ ޒަކާތާ ބެހޭ ގާނޫނުގެ އެންމެ މުހިންމު ބޭނުމަކީ ބަޔަކަށް އަދަބުދީ ބިރުދެއްކުން ނޫންކަމަށާއި، އެ ގާނޫނުގެ ބޭނުމަކީ މިހާރުވެސް އެކަން ކުރަމުން އަންނަ ގޮތަށް ގާނޫނީ ބާރު ހޯދައި ދިނުން ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.އެމް.ބީ.ސީގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝަހީމް ވިދާޅުވީ، ބައެއް ކަހަލަ އަދަބުތައް ކަނޑައެޅިފައި ވީނަމަވެސް އެއީ އަދި ޑްރާފްޓެއްކަމަށާއި، ބިލު ނިމިގެން ދާއިރު އެކަންކަމަށްވެސް އިސްލާހުތައް އަންނާނެކަމުގައެވެ.މިނިސްޓަރ ވިދާޅުވީ ދުނިޔޭގެ އިސްލާމީ ގިނަ ގައުމު ތަކުގައި ޒަކާތާ ބެހޭ ކަންކަން އިންތިޒާމުކުރެވިފައިވަނީ އެގައުމަކަށް އެންމެ އެކަށީގެންވާ ގޮތައްކަމަށެވެ. އެހެންކަމުން އެ ގާނޫނު ނިމިގެންދާނީ ރާއްޖެއަށްވެސް އެންމެ އެކަށީގެންވާ ގޮތައްކަމަށް އުންމީދު ކުރައްވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.މީގެ އިތުރުން މިހާރުވެސް ނަގަމުންދާ ޓެކްސް އާއި ޒަކާތަކީ މުޅިން ދެކަމެއް ކަމަށާ، ހަމަ އެކަނި ޒަކާތް ނަގައިގެން ގައުމު ނުހިންގޭނެކަމަށާއި، ޓެކްސް ނެގުމަކީ ވެސް މުހިންމު ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.ޒަކާތާ ބެހޭ ގާނޫނުގެ ނަމުގައި އެކުލަވާލާ މަޖިލީހަށް ހުށައެޅުމަށް އިސްލާމިކް މިނިސްޓްރީން ތައްޔާރުކުރަމުންދާ ބިލާއެކު އެއާ ގުޅޭ ގަވާއިދުތައްވެސް ވަނީ އެކުލަވާލާފައެވެ.ބިލުގެ ޑްރާފްޓްގައި މުދަލުގެ ޒަކާތްނުދައްކާ ފަރާތްތަކުގެ މުދާ ދައުލަތަށް ހިފެހެއްޓިދާނެކަމަށް ބުނެފައިވެއެވެ. އަދި ޖަލަށްލުމަށް ހުކުމްކުރުމުގެ ބާރުވެސް ކޯޓްތަކަށް ވަނީ ދީފައެވެ.މިނިސްޓަރ ވިދާޅުވީ ޒަކާތްދައްކަންޖެހޭ އެންމެން ޒަކާތް ދައްކާނަމަ އަހަރަކު ފަސްސަތޭކަ މިލިޔަން ރުފިޔާގެ މުދަލުގެ ޒަކާތް ރާއްޖޭގައި ނެރެވޭނެކަމަށެވެ.