ވިޔަފާރި

ގަސްގަހާގެހި އެތެރެކުރުމާބެހޭ ޤަވާޢިދަށް ޚިޔާލު ހުށަހެޅުމަށް ހުޅުވާލައިފި


ގަސްގަހާ ގެއްސާއި ގަހުގެ ބައިތައް ދިވެހިރާއްޖެއަށް އެތެރެކުރުމާބެހޭ ގަވާއިދެއް އެކުލަވާލާ، ޢާންމުންގެ ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ހުޅުވާލައިފިއެވެ.

މި ޤަވާޢިދަކީ ގަސްގަހާ ގެއްސާއި ގަހުގެ ބައިތަކުގެ އިތުރުން، އެ ތަކެތި ރާއްޖެއަށް އެތެރެކުރާ ފަރާތްތަކަށް ޚާއްސަކޮށްފައިވާ ޤަވާޢިދެކެވެ.

މި ޤަވަޢިދުގައި ގަހާއި ގަހުގެ ބައިތަކުން، ގަސްގަހާ ގެއްސަށް ގެއްލުންދޭ ފަނިފަކުސާއާއި ސޫފި އަދި ބަލި ޖައްސާ ޖަރާސީމު ރާއްޖެއަށް އެތެރެވުން ހުއްޓުވުމަށް މިންގަނޑުތަކެއް އެކުލަވާލާފައިވެއެވެ. ގަސްގަހާގެއްސާއި ގަހުގެ އެކި ބައިތައް ރާއްޖެއަށް އެތެރެ ކުރުން ރެގިއުލޭޓްކޮށް، ބައިނަލްޤްވާމީ ފައިޓޯސެނިޓަރީ މިންގަނޑުތަކަށް ނުވަތަ އެއްވެސް ބައްޔެއް ޖެހިފައި ނުވާ ގޮތަށް އެތަކެތި އެތެރެ ކުރުމާއި، ރާއްޖޭގައި ޓްރާންސިޓް ކުރެވޭނެ ނިޒާމެއް މި ޤަވާއިދުގެ ދަށުން އެކުލެވިގެންދާނެއެވެ.

މި ޤަވާޢިދުގައި ގަސްގަހާގެއްސާއި ގަހުގެ ބައިތައް ދިވެހިރާއްޖެއަށް އެތެރެ ކުރުމަށް ރަޖިސްޓްރީވުމާއި، އެ ބައިތައް ރާއްޖެއަށް އެތެރެ ކުރާއިރު ހުށަހަޅަންޖެހޭ ލިޔުންތަކާއި، އެ ތަކެތި ރާއްޖެއަށް އެތެރެ ކުރާ ޤައުމާއި ޤައުމުގެ ސަރަޙައްދު އަދި މި ތަކެތި ހުންނަންޖެހޭ ޙާލަތު ކަނޑައަޅާފައިވެއެވެ. މީގެ އިތުރުން، ގަސްގަހާގެއްސާއި ގަހުގެ ބައިތަކުގެ ވިޔަފާރިކުރާ ތަންތަން ބަލައި ފާސްކުރާނެ އުސޫލާ، ޤަވާޢިދާއި ޚިލާފުވާ ފަރާތްތަކަށް ފިޔަވަޅު އަޅަން ކަނޑައަޅާފައިވާ އުސޫލްތައްވެސް މި ޤަވަޢިދުގައި ހިމެނެއެވެ.

މިމަހުގެ 20 ވަނަ ދުވަހާ ހަމައަށް މި ޤަވަޢިދަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތުވަނީ ހުޅުވާލާފައެވެ. މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯރސަސް އެންޑް އެގްރިކަލްޗަރއިން 2008 ވަނަ އަހަރު އަމަލު ކުރަންފެށި ގަސްގަހާއިގެހި ކަރަންޓީނު ކުރުމާއިބެހޭ ޤަވަޢިދުގައިވެސް ރާއްޖެއަށް އެތެރެ ކުރާ ގަސްގަހާ ގެއްސާއި ގަހުގެ ބާވަތްތަކަށް ޚާއްސަކޮށް ނުކުތާތަކެއް ކަނޑައަޅާފައިވެއެވެ.