ވިޔަފާރި

އަހަރީ ފީ ނުދައްކާ ކުންފުނިތައް އުވާލުމުގެ ބާރު ރަޖިސްޓްރަރ އޮފް ކޮންޕެނީޒްއަށް ދެނީ


އަހަރީ ފީ ނުދައްކާ ކުންފުނިތައް އުވާލުމުގެ ބާރު ރަޖިސްޓްރަރ އޮފް ކޮންޕެނީޒްއަށް ލިބޭގޮތަށް ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު އިސްލާހުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށައަޅައިފިއެވެ.

ކުންފުންޏާބެހޭ ޤާނޫނު އިސްލާހު ގެނައުމުގެ ބިލަކީ ސަރުކާރުގެ ފަރާތުން، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވި ބިލެކެވެ.

މި ބިލުގައިވާ ގޮތުން މާޗުމަހުގެ ކުރިން އަހަރީ ފީ ނުދައްކައިފިނަމަ އަހަރީ ފީ ދައްކަންދެން އެ ވިޔަފާރިއެއް ހުއްޓުވުމުގެ ބާރު ރަޖިސްޓްރަރ އޮފް ކޮންޕެނީޒްއަށް ލިބިގެންވެއެވެ. އަދި މާޗުމަހުގެ ނިޔަލަށް އަހަރީ ފީ ނުދައްކާ ކުންފުނިތަކުން، އެއަހަރެއްގެ މޭ މަސް ނިމުމުގެ ކުރިން އަހަރީ ފީ ނުދައްކައިފިނަމަ ކުންފުނިތައް އުވާލުމުގެ ބާރު ރަޖިސްޓްރަރ އޮފް ކޮންޕެނީޒްއަށް މިބިލުގެ ދަށުން ލިބެއެވެ.

ކުންފުންޏާބެހޭ ޤާނޫނު މިހާރު އޮތްގޮތުން ކޮންމެ އަހަރެއްގެވެސް މޭ މަސް ނިމުމުގެ ކުރިން އަހަރީފީ ނުދައްކައިފިނަމަ އެ ކުންފުނި އުވާލުމުގެ މައްސަލަ ރަޖިސްޓްރަރ އޮފް ކޮންޕެނީޒް ހުށަހަޅަންޖެހެނީ ކޯޓަށެވެ.

އަހަރީ ފީ ނުދައްކާ ކުންފުނިތަކުގެ އިތުރުން ޤާނޫނުގައި ބަޔާންކޮށްފައިވާ ބައެއް ކަންކަން ފުރިހަމަނުކުރާ ކުންފުނިތައް އުވާލުމުގެ ބާރުވެސް މިބިލުގެ ދަށުން ރަޖިސްޓްރަރ އޮފް ކޮންޕެނީޒްއަށް ލިބެއެވެ. އެގޮތުން ކުންފުނިން ކުރުމަށް ކަނޑައަޅާފައިވާ ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ނުކުރާތާ ގިނަ ދުވަސްވެފައިވާ ކުންފުނިތަކާއި ކަނޑައަޅާފައިވާ މުއްދަތުގައި އަހަރީ ހިސާބުތަކާއި، ޑިރެކްޓަރުންގެ އަހަރީ ރިޕޯޓްތަކާއި، އޮޑިޓް ރިޕޯޓް ހުށަނާޅާ ކުންފުނިތައް އުވާލުމުގެ ބާރުވެސް ރަޖިސްޓްރަރ އޮފް ކޮމްޕެނީޒްއަށް ލިބެއެވެ.

ސަރުކާރުން މި ބިލް ހުށައެޅުމުގެ ބޭނުމެއްކަމުގައި ބުނެފައިވަނީ ފާއިތުވި 22 އަހަރުގެ ތެރޭގައި އަހަރީ ފީ ނުދައްކާ ކުންފުނިތަކާއި، އަހަރީ ހިސާބުތަކާއި، ޑިރެކްޓަރުންގެ އަހަރީ ރިޕޯޓާއި، އޮޑިޓަރުންގެ ރިޕޯޓް ހުށަނާޅާ ކުންފުނިތަކުގެ އަދަދު 7000 އަށްވުރެ މައްޗަށް އަރާފައިވުމެވެ. އަދި އެފަދަ ކުންފުނިތައް އުވާލެވޭނެ އެކަށީގެންވާ ނިޒާމެއް ނެތުމުގެ ސަބަބުން އަލަށް ވިޔަފާރި ފަށައި އެކި ސަބަބުތަކާއި ހުރެ ވިޔަފާރި ކުރިއަށްގެންދިއުމަށް ދަތިވެ، ވިޔަފާރި ހުއްޓާލާފައިވާ ފަރާތްތަކަށް ހައްލެއް ހޯދައިދިނުންކަމަށް ބިލުގައި ބުނެފައިވެއެވެ.