ޚަބަރު

ކަރަންޓު އަގުހެޔޮ ކުރުމުގެ މަސައްކަތް މަޖިލީހުން ފަށައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ކަރަންޓު އަގުހެޔޮ ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ފަށައިފިއެވެ. ރައްޔިތުންގެ މަޖިލީހުން މި މަސައްކަތް ފެށީ އިމްޕޯޓް އެކްސްޕޯޓްގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި އިމްޕޯޓް އެކްސްޕޯޓް ޤާނޫނަށް ހުށަހެޅި އިޞްލާހާއި އެކުއެވެ.

ޑީސަލްއިން ނަގާ ޑިއުޓީ ކަނޑާލުމަށް މަޖިލީހަށް އިމްޕޯޓް އެކްސްޕޯޓްގެ ޤާނޫނަށް އިޞްލާޙު ހުށަހެޅީ ތިމަރަފުށީ ދާއިރާގެ މެންބަރު މުޙައްމަދު މުސްތަފާއެވެ. މި އިޞްލާޙު ހުށައެޅުމުގެ ބޭނުމަކީ، މަސްވެރިންނަށް ކުރަންޖެހޭ ޚަރަދު ކުޑަކޮށްދިނުމަށާއި، ކަރަންޓުގެ އަގު ހެޔޮކޮށްދިނުންކަމަށް މުސްޠަފާ ވިދާޅުވިއެވެ.

މުސްޠަފާ ވިދާޅުވީ، ޑީސަލުން ޑިއުޓީ ކަނޑާލުމުން ދައުލަތަށް ލިބޭ އާމްދަނީން 450 މިލިއަން ރުފިޔާ ކުޑަވެގެންދާނެކަމަށެވެ. މިއީ ބޮޑު ޢަދަދެއްގެ ފައިސާކަން ފާހަގަކުރައްވާ މުސްޠަފާ ވިދާޅުވީ، ޑިއުޓީ ކަނޑާލުމުން އޭގެ ފައިދާ ސީދާގޮތެއްގައި ރައްޔިތުންނަށް ފެނަންޖެހޭނެކަމަށެވެ.

"މި ސަރުކަރުގެ ބޭނުމަކީ ހެޔޮވެރިކަމެއް ކޮށްދިނުން. ރައްޔިތުންނަށްޓަކައި ލުއިފަސޭހަކަން ގެނެސްދިނުމުން އޭގެ އެންމެ ފައިދާ ރައްޔިތުންނަށް ފެންނަްޖެހޭ. މިހާ ބޮޑު ޢަދަދެއް ކަނޑާލުމުން ވިޔަފާރިވެރިން އަގު ހެޔޮކުރަންޖެހުމަކީ އެމީހުންނަށް ވާޖިބުކަމެއް. މިގޮތަށް އަގު ކަނޑާލާ ތަކެއްޗާމެދު އަގު ކޮންޓްރޯލްކުރާ ބޯޑެއްއިކޮނޮމިކް މިނިސްޓްރީން ކަނޑއަޅަންޖެހޭ." ތިމަރަފުށީ ދާއިރާގެ މެންބަރު މުސްތަފާ ވިދާޅުވިއެވެ.

މި އިޞްލާހަށް ވާހަކަދެއްކި ހުރިހާ މެންބަރުން ވެސް ވަނީ އިޞްލާހަށް ތާޢީދުކޮށް ވާހަކަ ދައްކާފައެވެ. އެގޮތުން ބައެއް މެންބަރުން ވިދާޅުވީ، ޑިއުޓީ ކަނޑާލުމުން އެއާއި ގުޅުންހުރި ތަކެތިން އަގު ހެޔޮކަން ކަށަވަރުކުރުމަށް ސަރުކާރުން ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ. ބައެއް މެންބަރުން ވަނީ މަސްވެރިކަމުގެ ބޭނުމަށް ރާއްޖެ އެތެރެކުރެވޭ އެހެން ބައެއް ތަކެތިންވެސް ޑިއުޓީ މަަޢާފްކުރުމަށް ގޮވާލާފައެވެ. ބައެއް މެންބަރުން ވިދާޅުވީ، ދައުލަތަށް ލިބޭ ބޮޑު އާމްދަނީއެއް އުނިވުމުން، އެފައިސާ ހޯދާނީ ދައުލަތުގެ ކޮރަޕްޝަނާއި ޚިޔާނާތް ހުއްޓުވައިގެންކަމަށެވެ.

މަސްވެރިންނަށް އަގު ހެޔޮކޮށް ޑީސަލް ފޯރުކޮށްދިނުމާއި، ކަރަންޓުގެ އަގު ހެޔޮކޮށްދިނުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞަލިޙްގެ ރިޔާސީ ވަޢުދެކެވެ.