ޚަބަރު

މިދިޔަމަހު މީރާ މެދުވެރިކޮށް ދައުލަތަށް 985 މިލިއަން ރުފިޔާ


މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާ މެދުވެރިކޮށް މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ 985 މިލިއަން ރުފިޔާއަށް އަރައިފިއެވެ.

ދައުލަތަށް ލިބުނު އާމްދަނީ 985 މިލިއަން ރުފިޔާއަށް އެރިއިރު، މިއީ މިދިޔަ މަހު މީރާ އަށް ލިބޭނެކަމަށް އަންދާޒާކުރި އާމްދަނީ އަށްވުރެ 5.2 އިންސައްތަ އިތުރު އަދަދެކެވެ.

ނޮވެމްބަރުމަހު މީރާއިން ބަލައިގަތް އާމްދަނީގެ އެންމެ ބޮޑުބައެއް ހިއްސާކުރަނީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް ނުވަތަ ޖީއެސްޓީއެވެ. ޖީއެސްޓީގެ ގޮތުގައި 643 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ ޖުމްލަ އާމްދަނީގެ 65.3 އިންސައްތައެވެ.

ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އެހެނިހެން ފީގެ ގޮތުގައި ލިބުނު އާމްދަނީންނެވެ. އެއީ ޖުމްލަ އާމްދަނީގެ 11.4 އިންސައްތަކަމަށް މީރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މިއަހަރުގެ ނޮވެމްބަރުމަހު މީރާއަށް ލިބުނު އާމްދަނީއަކީ 2017 ވަނަ އަހަރުގެ ނޮވެމްބަރުމަހު ލިބުނު އާމްދަނީއާއި އަޅާބަލާއިރު 5.3 އިންސައްތަ އިތުރު އަދަދެއްކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

މީރާއިން ބުނީ ނޮވެމްބަރުމަހު އެ އިދާރާއިން ބަލައިގަތް އާމްދަނީގެ ތެރެއިން ޑޮލަރުގެ ގޮތުގައި 39.2 މިލިއަން ޑޮލަރު ލިބިފައިވާކަމަށެވެ.