ޕަބްލިކް ރިކޯޑްސް މެނޭޖްމަންޓް ޕޮލިސީއެއް އެކުލަވާލުމުގެ މަސައްކަތް ޤައުމީ އަރުޝީފުން ފަށައިފިއެވެ.
ސަރުކާރުގެ މުއައްސަސާތަކުގެ ރަސްމީ ލިޔެކިއުންތަކާއި ފޮޓޯތަކާއި ޗާޓުތަކާއި ރިކޯޑުތައް ރައްކާކުރުމާއި ގެންގުޅުމާއި ނައްތާލުމާއި، އެއަށް ބަދަލުގެނައުމާ ގުޅޭ ޕޮލިސީއެއް އެކުލަވާލުމުގެ އެންމެ ބޮޑު ބޭނުމަކީ ދައުލަތުގެ ހިންގުން ހަރުދަނާކޮށް ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ފުރިހަމައަށް ދިނުމަށް މަގުފަހިކުރުންކަމަށް ޤައުމީ އަރުޝީފުން ބުނެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ޤައުމީ އަރުޝީފުގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޝާތިރު ވިދާޅުވީ ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް މިފަދަ މަޢުލޫމާތާމެދު ޢަމަލުކުރަންވީގޮތުގެ މެނުއަލްއެއް ނުވަތަ ޕޮލިސީއެއް އޮންނަކަމަށާ، ރާއްޖޭގައިވެސް މިކަން މީގެ ކުރިން ކުރަމުންދިޔަކަން ތާރީޚުން ފެންނަން އެބައޮތްކަމަށެވެ. ނަމަވެސް މިހާރު މިފަދަ ރިކޯޑްސްތައް ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް ޤާއިމްވެފައި ނެތުމުގެ ސަބަބުން މައްސަލަތައް ދިމާވަމުންދާކަމަށް ޝާތިރު ވިދާޅުވިއެވެ. އެގޮތުން އެކި ސަރުކާރުތަކުން އެކުލަވާލާ ޕޮލިސީތަކާއެކު އުވާލެވޭ ނުވަތަ މެންޑޭޓްގައި ހިމެނޭ މަސައްކަތް ބަދަލުކުރެވޭ ވުރާޒާތަކާއި ތަންތަނުގެ ފުރިހަމަ ރެކޯޑްސްތައް ބެލެހެއްޓުމަށް ޤާނޫނުގައި އޮތްނަމަވެސް އެމަސައްކަތް އެކަށީގެންވާ ގޮތުގައި ކުރެވިފައި ނެތުމަކީ ހިތާމަހުރި ކަމެއްކަމަށް ޝާތިރު ވިދާޅުވިއެވެ.
ޝާތިރު ވިދާޅުވީ، ދައުލަތާއި، އާންމު ޚިދުމަތްދޭ ތަންތަނުން އެ ތަންތަނުގެ ރިކޯޑްސްތައް ނުބަލަހައްޓާނަމަ، އޭގެ ސީދާ ގެއްލުން ރައްޔިތުންނަށް ކުރާނެ ކަމަށެވެ. އެހެންކަމުން ޕަބްލިކް ރިކޯޑްސް މެނޭޖްމަންޓް ޕޮލިސީއެއް ޤާއިމްކުރުމަކީ، މިފަދަ މުހިންމު ރިކޯޑްސްތައް ރައްކާކޮށް ދެމެހެއްޓެނިވި ގޮތެއްގައި އެ މަސައްކަތް ކުރުމަށްޓަކައި މުހިންމު ކަމެއްކަމަށެވެ. އަދި މި ޕޮލިސީ އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާއިރު، މިނިސްޓަރ އޮފް އަރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫންގެ އެހީތެރިކަމާއި އެއްބާރުލުން ލިބެމުންދާކަން ޝާތިރުވަނީ ފާހަގަކުރައްވާފައެވެ. އަދި ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަކުރުމަކީ މިނިސްޓަރ ވަރަށް ބޮޑު އިސްކަމެއް ދޭކަމެއްކަމަށްވެސް ޝާތިރު ވިދާޅުވިއެވެ.
ރާއްޖޭގެ ތާރީޚީ ލިޔުންތަކާއި މުހިންމު ފަތްފުއްތައް ރައްކާތެރިކޮށް ބެލެހެއްޓުމުގެ ގޮތުން އެފަދަ ލިޔުންތައް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ޤައުމީ އަރުޝީފުން މިހާރުވެސް ދަނީ ކުރަމުންނެވެ.