ޚަބަރު

ޖީ.ސީ.ސީ ސަމިޓުގައި އެންމެ ބޮޑު އަހައްމިއްޔަތެއް ދިނީ ސަރަޙައްދީ އެއްބައިވަންތަކަމުގެ މުހިއްމުކަމުގެ ވާހަކަތަކަށް


ގަލްފް ކޯޕަރޭޝަން ކައުންސިލް ޖީ-ސީ-ސީގެ ޤައުމުތަކުގެ މެދުގައި، މިހާރަށް ވުރެ ބޮޑަށް އެއްބައިވަންތަކަން އޮންނަން ޖެހޭނޭ ކަމަށް އެ އިއްތިހާދުން ބުނެފިއެވެ. ޖީ.ސީ.ސީއިން މިހެން ބުނެފައިވަނީ ސައުދީ ޢަރަބިއްޔާގެ ރިޔާޒްގައި ބޭއްވި ސަމިޓުގައެވެ.

ސައުދީ އަރަބިއްޔާގެ ރިޔާޛްގައި އާދިއްތަ ދުވަހު ބޭއްވި ގަލްފް ކޯޕަރޭޝަން ކައުންސިލްގެ ބައްދަލުވުމަކީ 2017 ވަނަ އަހަރުގެ ޖޫން މަހު އެ ކައުންސިލްގެ ބައެއް މެމްބަރުންގެ މެދުގައި ޖެހުނު މައްސަލަތަކަށް ފަހު ބޭއްވި މި ފަދަ ދެވަނަ ބައްދަލުވުމެވެ. މިދިޔަ އަހަރުގެ ޖޫން މަހު ސައުދީ ޢަރަބިއްޔާ، ޔޫ.އޭ.އީ އަދި ބަހްރައިނުން ވަނީ ޤަތަރުން ޓެރަރިސްޓް ޖަމާޢަތްތަކަށް އެއްބާރުލުން ދެމުންދާ ކަމަށް ބުނެ އެ ޤައުމާ އޮންނަ ސިޔާސީ އަދި ވިޔަފާރީގެ ގުޅުންތައް ކަނޑާލާފައެވެ.

ޤަތަރުން މި ތުހުމަތުތައް ދޮގުކުރާ އިރު މި ޤައުމުތަކުގެ މެދުގައި ޖެހިފައިވާ މައްސަލަތައް ހައްލުކުރުމަށް މިހާތަނަށް ކޮށްފައިވާ ހުރިހާ މަސައްކަތްތަކެއްވެސް ވަނީ ނާކާމިޔާބުވެފައެވެ. އާދިއްތަ ދުވަހުގެ ޖީ-ސީ-ސީގެ ބައްދަލުވުމުގައި ބައިވެރިވަޑައިގަތުމަށް ހުސްވި ހަފުތާގައި ސައުދީގެ ރަސްގެފާނު ސަލްމާން ޤަތަރުގެ ޢަމީރު ޝޭޚް ތަމީމް ބިން ހަމަދް ޢަލް ޘާނީއަށް ދައުވަތު އެރުއްވި ނަމަވެސް މި ބައްދަލުވުމުގައި ޢަމީރު ބައިވެރިވަޑައިގެންފައެއް ނުވެއެވެ. ބަދަލުގައި ޤަތަރުން މި ބައްދަލުވުމަށް ފޮނުއްވާފައިވަނީ ޤަތަރުގެ ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރެވެ.

ޤަތަރުގެ މި ނިންމުމަށް ބަހްރައިންއިން ވަނީ ފާޑުކިއުންތައް އަމާޒުކޮށްފައެވެ. އެ ގޮތުން އެގައުމުގެ ޚާރިޖީ ވަޒީރު ޝޭޚް ޚާލިބް ބިން އަހްމަދު ޢަލް ޚަލީފާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސައުދީ ޢަރަބިޔާގެ މި ދައުވަތު ޤަތަރުގެ ޢަމީރު ޤަބޫލުކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށާއި، ގަލްފްގެ އެހެން ޤައުމުތަކުން ޤަތަރަށް ކުރަމުންދާ ޝަރުޠުތައްވެސް ޤަތަރުން ޤަބޫލުކުރަން ޖެހޭ ކަމަށެވެ.

ރައްދުގައި ޤަތަރުން ބުނެފައިވަނީ ޤަތަރުގެ ކަންކަމާ ބެހޭ ނިންމުންތައް ނިންމާނީ އެ ގައުމުން އެކަނިކަމަށެވެ. އަދި ހުސްވި އަހަރު ކުވައިތުގައި ކުރިއަށްދިޔަ ޖީ.ސީ.ސީގެ ބައްދަލުވުމަށް ސައުދީ، ޔޫ.އޭ.އީ އަދި ބަހްރައިނުން ފޮނުވާފައިވަނީ ވަޒީރުންނާ ސްޓޭޓް މިނިސްޓަރުން ފެންވަރުގެ ބޭފުޅުން ކަމަށެވެ.

ޤަތަރުގެ ޢަމީރު ޖީ-ސީ-ސީގެ ބައްދަލުކުރެއްވުމުގައި ބައިވެރިވަޑައިނުގެންނެވުމާއެކު ޖީ-ސީ-ސީގެ ބައްދަލުވުމަށް ކޮންމެވެސް ވަރަކަށް ހިޔަނި އެޅުނުނަމަވެސް މި ބައްދަލުވުމުގައި ގައުމުތަކުން ވަނީ އިއްތިހާދުގެ އެއްބައިވަންތަކަން މިހާރަށް ވުރެ ވަރުގަދަ ކުރުމަށް ގޮވާލާފައެވެ. މި ބައްދަލުވުމަށް ފަހު ނެރުނު ބަޔާނުގައި ޖީ-ސީ.ސީގެ ގައުމުތަކުން ވަނީ އިޤްތިޞާދީ ގޮތުން އެ ސަރަހައްދުގެ ހުރި ގޮންޖެހުންތަކާ ކުރިމަތިލުމުގައި ހުރިހާ ފަރާތަކުން ގުޅިގެން މަސައްކަތް ކުރުމަށްވެސް ގޮވާލާފައެވެ.