ޚަބަރު

ވިއްސާރައިގައި ގެއްލުންވި މީހުންނަށް ލިބުނު އެހީގެ އަދަދު 1.3 މިލިއަނަށް އަރައިފި


މިދިޔަ ހަފްތާގެ ބުދަ ދުވަހު މާލެއަށް ކުރި ވިއްސާރައިގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީވުމަށް މިހާތަނަށް އާންމު ރައްޔިތުންނާއި ވިޔަފާރިވެރިންގެ ފަރާތުން 1.3 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ހާމަކޮށްފިއެވެ.

މިދޔަ ބުދަ ދުވަހު މާލެއަށް ކުރި ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން މިއަދުވެސް ތިން ކުންފުންޏަކުން ވަނީ ފައިސާގެ އެހީތެރިކަން ދީފައެވެ. އެގޮތުން މިއަދު ނޭޝަނަލް ޑިޒާސްޓާރ މެނޭޖްމެންޓް ސެންޓަރ، އެންޑީއެމްސީގައި ބޭއްވި ރަސްމިއްޔާތުގައި ޓީ-ޖެޓީ ކެފޭއިން ދިހަހާސް ރުފިޔާ، އެމްއެސް ފައިނޭންސް ކުންފުނިން ފަންސާސްހާސް ރުފިޔާ އަދި ހެޕީމާރކެޓުން އެއްލައްކަ ފަންސާސްހާސް ރުފިޔާގެ އެހީ ދީފައިވެއެވެ. މި އެހީތަކާއެކު ޖުމްލަ 7 ފަރާތަކުން 1.3 މިލިއަން ރުފިޔާ އެހީގެ ގޮތުގައި ލިބިފައިވާކަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓުން މައުލޫމާތުދެއެވެ.

މި ރަސްމިއްޔާތެއްގައި އެންޑީއެމްސީގެ ފަރާތުން އެހީއާއި ހަވާލުވެވަޑައިގަތީ ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ. އެހީއާ ހަވާލުވެވަޑައިގަތުމަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ޑިފެންސް މިނިސްޓަރ ވިދާޅުވީ މި ފައިސާ ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ވިއްސާރައިގެ ލިބުނު ގެއްލުންތަކުން އަރައިގަތުމަށްކަމަށެވެ.

ޤުދުރަތީ ކާރިސާތަކުގައި ލިބޭ ގެއްލުންތައް 48 ގަޑިއިރުތެރޭގައި ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރަށް ރިޕޯޓުކުރަންޖެހުނު ނަމަވެސް ބައެއް ފަރާތްތަކުން މިހާރުވެސް ގެއްލުމުގެ ރިޕޯޓުކުރަމުން އަންނަ ކަމަށް ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން މިނިސްޓަރ ވަނީ ވިއްސާރައިގައި ގެއްލުންވި ފަރާތްތަކުން މިއަދުގެ ނިޔަލަށް އެސެންޓަރާ މައުލޫމާތު ޙިއްޞާކުރުމަށް އެދިވަޑައިގެންފައެވެ.

މިދިޔަ ބުދަދުވަހު މާލެ ސިޓީއަށްކުރި ވިއްސާރައިގައި ފެންބޮޑުވެ ލިބުނު ގެއްލުންތަކުގެ އަދަދު 1.2 މިލިއަން ރުފިޔާއަށް އަރާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުން ކުރިން ވަނީ ހާމަކޮށްފައެވެ.