ވިޔަފާރި

ދަނޑުވެރިކަމަށް އެތެރެކުރާ ތަކެތިން ޑިއުޓީ ކަނޑާލުމަށް މަޖިލީހަށް ހުށަހަޅައިފި


ދަނޑުވެރިކަމުގެ ބޭނުންތަކަށް ދިވެހިރާއްޖެއަށް އެތެރެކުރާ ތަކެތިން ޑިއުޓީ ކަނޑާލުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ދަނޑުވެރިކަމަށް އެތެރެކުރާ ތަކެތިން ޑިއުޓީ ކަނޑާލުމަށް، ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ޤާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފެވެ.

މެމްބަރު ޝަރީފް މަޖިލީހަށް ހުށަހަޅުއްވާފައިވާ އިސްލާހުގައިވަނީ، ދަނޑުވެރިކަން ކުރުމަށް އެތެރެކުރާ ތަކެތީގެ ތެރެއިން، ދަނޑުވެރިކަމާބެހޭ ވުޒާރާއިން ކަނޑައަޅާ ތަކެތިން ޑިއުޓީ ކަނޑާލުމަށެވެ.

ބިލުގައިވާ ގޮތުން ސަރުކާރުން މިއިސްލާހު ހުށަހެޅުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނޑުވެރިކަން ފަށައި، ފުޅާ ކުރެވޭނެ މަގު ތަނަވަސްކޮށްދިނުމެވެ. އަދި މިކަމުގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށް މަގުފަހި ވެގެންދާނޭކަމަށްވެސް މިބިލުގައިވެއެވެ.

ދަނޑުވެރިކަމަށް އެތެރެކުރާ ތަކެތިން ޑިއުޓީ ކަނޑާލުމަށް މަޖިލީހަށް ހުށަހަޅާފައިވާއިރު، މިއީ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙުގެ ރިޔާސީ ވަޢުދެކެވެ.