ވިޔަފާރި

ކަންމަތީ ފިހާރައެއްހެން ފަތުރުވެރިކަމުގެ ސިނާޢަތް ހިންގި ޒަމާން ނިމިއްޖެ- ޓުއަރިޒަމް މިނިސްޓަރ


ކަންމަތީ ފިހާރައެއްހެން ފަތުރުވެރިކަމުގެ ސިނާޢަތް ހިންގި ޒަމާން ނިމިއްޖެކަމަށް މިނިސްޓަރ އޮފް ޓުއަރިޒަމް އަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

ފުޅާދާއިރާއެއްގައި ލޯކަލް ޓުއަރިޒަމްގެ ވިޔަފާރިކުރާ އއ. އުކުޅަހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަމުން ޓުއަރިޒަމް މިނިސްޓަރ ވިދާޅުވީ މިދިޔަ ދުވަސްތަކުގައި ފަތުރުވެރިކަމަށް ރަށްތަކާއި ފަޅުތަކާއި ގިރިތައް ބަހަމުންދިޔައީ އެއްވެސް އުސޫލެއް ނެތިކަމަށެވެ. އަދި އެކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާޢަތުން ދިވެހިންނަށް ލިބެންޖެހޭ މަންފާއާއި ކުރިއެރުން އެންމެ އެކަށީގެންވާ ގޮތެއްގައި ލިބިފައިނުވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ނަމަވެސް އެޒަމާން ނިމިއްޖެކަމަށާއި، ރާއްޖޭގެ ފަތުރުކަމުގެ ސިނާޢަތުގެ ފައިދާ ހުރިހާ ރައްޔިތުންނަށް ލިބޭނެހެން ކަންކަން އިންތިޒާމްކުރައްވާނޭކަމަށް ޓުއަރިޒަމް މިނިސްޓަރ ވިދާޅުވިއެވެ.

އުކުޅަހުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާޢަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމަށް އިންޓަގްރޭޓަޑް މާސްޓަރ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތްކުރިއަށް ގެންދާނޭކަމަށެވެ. އަދި އެކަމަށްޓަކައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކެއް ހިމެނޭ މަހާސިންތާއެއް ބޭއްވުމަށް ތައްޔާރުވަމުންދާކަމަށްވެސް ޓުއަރިޒަމް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިޙާރުކުރުމުގެ ބަޖެޓް 3 ބޮޑުކޮށްފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އުތުރުން ފެށިގެން އެންމެ ދެކުނަށް، ވަކި ވަކި މަންޒިލްތަކެއްގެ ގޮތުގައި ރާއްޖެ އިޝްތިޙާރުކޮށް، އެކި ފަންތިއާއި ގިންތީގެ މީހުންނަށް އަތްފޯރާ އަގުތަކެއްގައި ރާއްޖޭގެ މަންޒިލްތައް އިޝްތިހާރުކުރުންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއަށް 2 ކަމެއް ކޮށްދެއްވުމަށް ވަނީ ވަޢުދުވެފައެވެ. އެއީ ރާއްޖެ އިޝްތިޙާރުކުރުމަށް އޮންނަ ބަޖެޓް 3 ގުނަ ބޮޑުކުރުމާއި ފަތުރުވެރިކަމާބެހޭ މަހާސިންތާއެއް ބޭއްވުމެވެ. ރާއްޖެ އިޝްތިހާރުކުރުމުގެ ބަޖެޓް ބޮޑުކޮށްފައިވާއިރު، 100 ދުވަހުގެ ތެރޭގައި ފަތުރުވެރިކަމުގެ މަހާސިންތާ ބޭއްވޭނެކަމުގެ ޔަޤީންކަންވެސް ސަރުކާރުން ވަނީ ދެއްވާފައެވެ.