ޚަބަރު

ޙައްޖުވުމަށް ޕެންޝަން ފައިސާ ބޭނުންކުރެވޭ ގޮތް ކަނޑައަޅަނީ


ޙައްޖުގެ އަޅުކަން އަދާކުރުމަށް ޕެންޝަން ފަންޑުގައި ހުރި ފައިސާ ބޭނުންކުރެވޭނެ ގޮތުގެ އުސޫލު އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރުު ވިދާޅުވެއްޖެއެވެ.

ފަރުޟު ޙައްޖުވުމަށް ޕެންޝަން ފަންޑުގައިހުރި ފައިސާ ބޭނުން ކުރެވޭގޮތް ހަމަޖައްސައިދިނުމަކީ ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އިސްލާމިކް މިނިސްޓްރީގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ ޕެންޝަން ފައިސާއިން ޙައްޖަށް ދެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ކަމާބެހޭ މުއައްސަސާތަކާ މަޝްވަރާކުރާނެކަމަށެވެ.

''އެ އުސޫލު ކަނޑައަޅާނީ ކިހިނެއްތޯ ބަލަމުން މިދަނީ، އެއީ ފަރުޟު ޙައްޖުވުމަށް ބޭނުންވާ ފަރާތްތަކަށް އިސްކަންދޭނީތޯ، ކޮންމެ ބޭފުޅަކަށްވެސް ހުޅުވާލާނީތޯ، ނޫނީ މިފައިސާ ބޭނުންކުރާނީ ދެމަފިރިންތޯ'' އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިކަންކުރާނެގޮތުގެ އުސޫލު އެކަށައަޅައި ނިމުމުން މިކަމުގެ ތަފްސީލު ހާމަކުރާނެކަމަށެވެ. 2017 ވަނަ އަހަރުން ފެށިގެން 2000 ޙައްޖު ކޯޓާ ސައުދީ ސަރުކާރުން ރާއްޖެއަށް ދޫކުރެއެވެ. އެގޮތުން މިއަހަރުވެސް ހާހަކަށްވުރެ ގިނަ ދިވެހިން ޙައްޖުގެ އަޅުކަން އަދާކޮށްފައިވެއެވެ.