ޚަބަރު

ނުޙައްޤު މުއްސަނދިކަން ކުށަކަށް ހެދުމަށް ކަމާގުޅޭ އިދާރާތަކުގައި ތަކުރާރުކޮށް އެދުނިން - އޭސީސީ


ނުޙައްޤު މުއްސަނދިކަން ކުށަކަށް ހެދުމަކީ ރާއްޖެ ބައިވެރިވާ ބައިނަލްއަޤުވާމީ މުޢާހަދާތަކުން ބާރުއަޅާ ކަމަކަށް ވުމާއެކު އެކަން ކުށަކަށް ހެދުމަށް ތަކުރާރުކޮށް ކަމާބެހޭ ފަރާތްތަކުގައި އެދިފައިވާނެ ކަމަށް އޭސީސީގެ ރައީސް ލުތުފީ ވިދާޅުވިއެވެ.

ބައިނަލްއަޤުވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި އޭސީސީގެ ރައީސް ޙަސަން ލުތުފީ ދެއްވި ޚިޠާބުގައި، ވިދާޅުވީ ކޮރަޕްޝަންގެ ޢަމަލުތައް ހިންގާ ފަރާތްތަކުގެ މައްޗަށް ކުށް ސާބިތުކުރުމުގައި ޢަމަލުކުރަންޖެހޭ ޤާނޫނުތަކުގައި "ނުހަނު ބޮޑެތި ބާގަނޑުތައް" ހުރުމާއެކު އެކަންކަން އިސްލާހު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
.
ކޮރަޕްޝަންގެ މައްސަލަތަކާއި ގުޅިގެން މިއަހަރުގެ މިހާތަނަށް 2 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތަށް ގެއްލިފައިވާކަން ފާހަގަކުރައްވަމުން ލުތުފީ ވިދާޅުވީ ދަޢުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް އެ ކޮމިޝަނުން ކަމާ ގުޅުންހުރި އިދާރާތަކާއި ގުޅިގެން ކުރަމުންދާ ކަމަށެވެ.

އޭސީސީގެ ރައީސް ދެއްވި ޚިޠާބުގައި ވިދާޅުވީ މި އަހަރުގެ ސެޕްޓެމްބަރ މަހުގެ ނިޔަލަށް 539 މައްސަލަ އޭސީސީއަށް ހުށައަޅާފައިވާކަމަށާއި، އޭގެތެރެއިން 203 މައްސަލައަކީ އެކޮމިޝަނުގެ އަމިއްލަ އިސްނެގުމަށް ބަލަން ފަށާފައިވާ މައްސަލަތައް ކަމަށެވެ. އަދި މި އަހަރު ސެޕްޓެމްބަރ މަހުގެ ނިޔަލަށް 06 މައްސަލަ، ދަޢުވާ ކުރުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށާއި، އެ މައްސަލަތަކާއި ގުޅިގެން 10 މީހެއްގެ މައްޗަށް ދަޢުވާކުރުމަށް އެދިފައިވާނެ ކަމަށްވެސް އޭސީސީގެ ރައީސްގެ ޙިތާބުގައި ވަނީ ވިދާޅުވެފައެވެ.