ވިޔަފާރި

ވައިގެ ދަތުރުފަތުރުގެ ސިނާޢަތުގެ ކޮންޓްރޯލް ޗައިނާއަށް!


މަދަނީ ވައިގެ އުދުހުންތަކާބެހޭ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ، އިންޓަނޭޝަނަލް އެއަރ ޓްރާންސްޕޯޓް އެސޯސިއޭޝަން، އަޔާޓާއިން ލަފާކުރާ ގޮތުގައި 2022 ވަނަ އަހަރު އަންނައިރު އެމެރިކާއިން ކޮންޓްރޯލް ކުރަމުންދާ ދުނިޔޭގެ ވައިގެ އުދުހުމުގެ މާކެޓްގެ ކޮންޓްރޯލް ޗައިނާއިން ނަގާނެއެވެ.

ވައިގެ އުދުހުމުގެ މާކެޓްގެ ކޮންޓްރޯލް ދުނިޔޭގެ ހުޅަނގުން އިރުމައްޗަށް ބަދަލުވާއިރު އަޔާޓާއިން އަންދާޒާކުރާ ގޮތުގައި 2036 ވަނަ އަހަރާ ހަމައަށްދާއިރު ވައިގެ މަގުން ދަތުރުކުރާ މީހުންގެ އަދަދު 7.8 ބިލިއަނަށް އަރާނެއެވެ. މިއީ ގާތްގަނޑަކަށް މިހާރު ވައިގެ މަގުން ދަތުރުކުރާ މީހުންގެ އަދަދަށްވުރެ 4 ބިލިއަން މީހުން އިތުރު އަދަދެކެވެ. އަދި ކުރިއަށް އޮތް 20 އަހަރުތެރޭގައި ވައިގެ ދަތުރުތައްކުރާ މީހުންގެ ތެރެއިން ދެބައި ކުޅަ އެއްބަޔަކީ އޭޝިޔާގެ ރައްޔިތުންނަށް ވާނެއެވެ.

ވައިގެ ދަތުރުފަތުރުގެ ބާޒާރުގެ ކޮންޓްރޯލް ޗައިނާއިން ނަގާނެކަމަށް ލަފާކުރާއިރު، މީގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ އެންމެ އާބާދީ ބޮޑު ޗައިނާގެ ރައްޔިތުން ކުރާ ވައިގެ ދަތުރުފަތުރު އިތުރުވުމާއި، ޗައިނާގެ އެއަރލައިންތަކުނު ބޭރުގެ މަންޒިލްތަކަށް ކުރާ ދަތުރުތައް ހަލުވި ދުވެއްޔެއްގައި އިތުރުކުރުމެވެ.

އޭވިއޭޝަން މާކެޓުގެ ކޮންޓްރޯލް ޗައިނާއިން ނަގަން ތައްޔާރުވާއިރު ތަޖުރިބާކާރުން ކުރާ ސުވާލަކީ ޗައިނާއިން އެކަމަށް އޮތީ ކިހާވަރަކަށް ތައްޔާރުވެފައިތޯއެވެ. އާދެ، ޗައިނާ އިން ދަނީ އެކަމަށް ތައްޔާރުވަމުންނެވެ.

ޗައިނާއިން ދަނީ އެއަރޕޯޓްތައް ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢުތަކެއް ހިންގަމުންނެވެ. އެގޮތުން 74 އެއަރޕޯޓެއް ބިނާކޮށް، ނުވަތަ ބޮޑުކުރުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. މިއީ 2020 ވަނަ އަހަރު އަންނަންވާއިރަށް ނިންމާ އެއަރޕޯޓްތަކަކަށް ވާއިރު، މިތަންތަނުން 720 މިލިއަން ފަސިންޖަރުން ދަތުރުކުރާނެކަމަށް ލަފާކުރެއެވެ.

74 އެއަރޕޯޓެއް ތަރައްޤީކުުރުމުގެ މަސައްކަތް ކުރަމުންދާއިރު، މީގެ ތެރެއިންވެސް އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ޗައިނާގެ ވެރިރަށް ބެއިޖިންގގައި ތަރައްޤީކުރާ ބެއިޖިންގ ޑާޒިންގ އިންޓަނޭޝަނަލް އެއަރޕޯޓެވެ. މަލްޓި ބިލިއަން ޑޮލަރުގެ މިއެއަރޕޯޓް ހުޅުވުމަށް ތާވަލްކޮށްފައިވަނީ އަންނަ ސެޕްޓެމްބަރުމަހުއެވެ.

ޗައިނާގެ ވެރިރަށް ބެއިޖިންގައި މިވަގުތު ހުރި، ދުނިޔޭގެ ދެވަނަ އަށް އެންމެ ބޮޑު އެއަރޕޯޓްކަމަށްވާ "ބެއިޖިންގ ކެޕިޓަލް އިންޓަނޭޝަނަލް އެއަރޕޯޓް" ވަނީ ވަރަށް ބާރު ބޮޑުވެފައެވެ. އެއަރލައިންތަކުން އިތުރު ފްލައިޓްތައް ތާވަލްކުރެވެން ދަތިވާ ވަރަށް އެއަރޕޯޓް ވަނީ ބިޒީވެފެއެވެ. މިއެއަރޕޯޓުގެ 3 ޓަރމިނަލުން އަހަރަކު 95 މިލިއަން ފަސިންޖަރުން ދަތުރުކުުރެއެވެ. އެއާއެކު މި އެއަރޕޯޓް ވެފައިވަނީ އެމެރިކާގެ އެޓްލާންޓާގެ ހާޓްސް ފީލްޑް ޖެކްސަން އެއަރޕޯޓަށްފަހު ދުނިޔޭގެ އެންމެ ބިޒީ އެއަރޕޯޓަށެވެ.
އަލަށް ތަރައްޤީކުރާ ޑާޒިންގ އެއަރޕޯޓާއެކު ބެއިޖިންގައި މިވަގުތު އޮޕަރޭޓްކުރާ މައި އެއަރޕޯޓަށް ވަރަށް ބޮޑު ތަނުން ލުއިވާނެއެވެ.

ބެއިޖިންގ ޑާޒިންގ އިންޓަނޭޝަނަލް އެއަރޕޯޓްގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހަތަރު ރަންވޭ އެއަރޕޯޓުގައި އަޅާނެއެވެ. އަދި 97 ފުޓްބޯޅަ ދަނޑުގެ ޖާގައިގެ ޓަރމިނަލެއް ފުރަތަމަ ފިޔަވަހީގެ ދަށުން ބިނާކުރާނެއެވެ. 2025 ވަނަ އަހަރާ ހަމައަށްދާއިރު މިއެއަރޕޯޓުން 72 މިލިއަން ފަސިންޖަރުން ދަތުރުކުރާނެކަމަށް ލަފާކުރާއިރު އަހަރަކު 2 މިލިއަން ޓަނުގެ ކާގޯ އެތެރެކޮށް، ބޭރުކުރާނެއެވެ.
އެއަރޕޯޓުގެ ފުރަތަމަ ފިޔަވަހި މިހާރު ކުރިއަށްދާއިރު، މުޅި ޕްެރޮޖެކްޓް ނިމޭއިރު އެއަރޕޯޓުގައި 7 ރަންވޭ އަޅާނެއެވެ. އަދި 100 މިލިއަން ފަސިންޖަރުން އަހަރަކު ދަތުރުކުރާއިރު، 4 މިލިއަން ޓަނުގެ ކާގޯ އެތެރެކޮށް، ބޭރުކުރާނެއެވެ.

14 ބިލިއަން އެމެރިކާ ޑޮލަރު ޚަރަދުކޮށްގެން ތަރައްޤީކުރާ އެއަރޕޯޓްގެ މަސައްކަތް 2014 ވަނަ އަހަރު ފަށާފައިވާއިރު މިމަސައްކަތުގައި ސާޅީސް ހާސް މީހުން ހަރަކާތްތެރިވެއެވެ.
އެއަރޕޯޓުގެ ޓަރމިނަލްގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާއިރު މީޑިއާތަކުން ސްޓާރ ފިޝްގެ ނަމުން މަޝްހޫރުކޮށްފައިވާ މިއެއަރޕޯޓު މަތިން ބަލާލުމުން ސިފަވާނީ ސްޓަރ ފިޝްއެކެވެ.

އެއަރޕޯޓާއި ގުޅޭގޮތުން އޮތް ކަންބޮޑުވުމަކީ، މިއީ ކާރޫބާރު ބޮޑުކަމަށް މަޝްހޫރުވެފައިވާ ބެއިޖިންގ އެންމެ ދެކުނުގައި ތަރައްޤީކުރާ އެއަރޕޯޓަށްވުމެވެ. މަޝްހޫރު ޓިނަމަން ސްކޮޔާއާއި ގާތްގަނޑަކަށް 50 ކިލޯމީޓަރު ދުރުގައި އެއަރޕޯޓް އޮންނައިރު އެހެނިގެން ވިޔަފާރި މަރުކަޒުތަކާވެސް އެއަރޕޯޓު ވަރަށް ދުރެވެ.

ނަމަވެސް އެއަރޕޯޓް ތަރައްޤީކުރާ ފަރާތްތަކުން ބުނަނީ އެއީ މައްސަލައެއް ނޫންކަމަށެވެ. އެއީ މިތަނަކީ އިންޓަގްރޭޓަޑް ޓްރާންސްޕޮޓޭޝަން ހަބަކަށްވުމެވެ. އެގޮތުން ވައިގެ ދަތުރުފަތުރުގެ އިތުރުން، ހައި ސްޕީޑް ރެއިލް، އިންޓަރ ސިޓީ ސަރވިސް އަދި ޑައުންޓައުން ޓު އެއަރޕޯޓް އެކްސްޕްރެސް ރޭލުތައް އެއަރޕޯޓާ ކައިރީގައި އޮޕަރޭޓްކުރަމުންދާނެތީއެވެ. އެހެންކަމުން އެއަރޕޯޓަށް އައުމާއި ދިއުން މާ އުނދަގުލެއް ނުވާނެކަމަށް އެއަރޕޯޓް ތަރައްޤީކުރާ ފަރާތުން ބުނެއެވެ.

ވައިގެ ދަތުރުފަތުރުގެ މާކެޓުގެ ކޮންޓްރޯލް ނެގުމަށް ޗައިނާއިން ތައްޔާރުވަމުންދާއިރު އެއަރޕޯޓުތަކާއެކު މަތިންދާބޯޓުތައްވެސް އިތުރުކުރަންޖެހެއެވެ. މަތިންދާބޯޓު އުފައްދާ މަޝްހޫރު ބޮއިންގ ކުންފުނިން ޤަބޫލުކުރާ ގޮތުގައި ޗައިނާގެ އޭވިއޭޝަން މާކެޓް ބޮޑުވަމުންދާއިރު، އިތުރު 7200 މަތިންދާބޯޓު ބޭނުންވާނެއެވެ. އަދި މިކަމަށް 1 ޓްރިލިއަން ޑޮލަރު ހޭދަވާނެއެވެ. އަނެއްކޮޅުން ޗައިނާގެ ކުންފުނިތަކުންވެސް ދަނީ މަތިންދާބޯޓު އުފެއްދުމުގެ މަރކެޓަށްވެސް ވަންނަމުންނެވެ.

ކޮންމެއަކަސް ޗައިނާއިން އޭވިއޭޝަން މާކެޓުގެ ކޮންޓްރޯލް ނަގާއިރު، ޗައިނާގެ ފަހަތުން އޭވިއޭޝަން މާކެޓް ކޮންޓްރޯލްކުރާނީވެސް އޭޝިޔާގެ ޤައުމުތަކުންނެވެ. އެގޮތުން އިނގިރޭސިވިލާތާއި ޔޫރަޕްގެ އެހެން ޤައުމުތައް ފަހަތަށް ޖައްސާލުމަށްފަހު އިންޑިއާއާއި އިންޑޮނޭޝިޔާ އޭވިއޭޝަން މަރކެޓްގެ ކުރިއަށް ޖެހޭނެއެވެ. ތައިލެންޑާއި ތުރުކީވިލާތުން އޭވިއޭޝަން މާކެޓްގެ ގަދަ ދިހައަކަށް އަރާއިރު، ފްރާންސް އަދި އިޓަލީ ފަދަ ޤައުމުތައް ފަހަތަށް ދާނެއެވެ.